ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ހާއްސަ "ހޯޕް އައިލެންޑް" މާލެ ކައިރި އުތުރު ތިލަފަޅަށް ބަދަލުކުރަން ނިންމައިފި

ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ހާއްސަ "ހޯޕް އައިލެންޑް" މާލެ ކައިރި އުތުރު ތިލަފަޅަށް ބަދަލުކުރަން ނިންމައިފި

ގުޅުންހުރި

ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިސްލާހީ އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް ދ. ވާނީގައި އަޅަން ނިންމާފައިވާ "ހޯޕް އައިލެންޑް" މާލެ ކައިރީގައި އޮންނަ އުތުރު ތިލަފަޅަށް ބަދަލުކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.

ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ހޯޕް އައިލެންޑް އުތުރު ތިލަފަޅަށް ބަދަލުކުރުމަށް ދާދި ފަހުން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. ހޯޕް އައިލެންޑް އުތުރު ތިލަފަޅުގައި އަޅަން ނިންމީ ވާނީގައި ހޯޕް އައިލެންޑް އަޅާނަމަ ކުރަން ޖެހޭ ޚަރަދުތައް ބޮޑުވާނެތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހޯޕް އައިލެންޑުގެ ކުރެހުން ނިންމާލައި، ފައިނޭންސް ކުރާނެ މޮޑެލް އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.

އުތުރު ތިލަފަޅުގައި 4 މަޝްރޫޢު ހިންގުމަށް ނިންމައިފި

ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތުގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި އުތުރު ތިލަފަޅުގައި 4 ޕްރޮޖެކްޓެއް ހިންގަން ރާވާފައިވާކަން ފާހަގަކޮށްފައިވެއެވެ. މި ޕްރޮޖެކްޓުތަކަށް މަދުވެގެން 55 މިލިއަން ޑޮލަރު ޚަރަދުކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އުތުރު ތިލަފަޅުގައި ހިންގާ 4 ޕްރޮޖެކްޓާއި ޚަރަދުކުރަން ޖެހޭ އަދަދު:

  1. ހޯޕް އައިލެންޑަށް ބޭނުންވާ 15 ހެކްޓަރުގެ ބިން ހިއްކުން (10،000،000 ޑޮލަރު)
  2. ހޯޕް އައިލެންޑް ތަރައްގީކުރުން (15،000،000 ޑޮލަރު)
  3. ސެންޓްރަލް ޖަލު އެޅުމަށް 30 ހެކްޓަރުގެ ބިން ހިއްކުން (15،000،000 ޑޮލަރު)
  4. ސެންޓްރަލް ޖަލު ތަރައްގީކުރުން (15،000،000 ޑޮލަރު)

400 ކުދިން އެއްފަހަރާ ރިހެބިލިޓޭޓްކުރެވޭނެ

ސަރުކާރުން ބުނެފައިވާ ގޮތުން ހޯޕް އައިލެންޑުގައި އެއްފަހަރާ 400 ކުދިން ބައިތިއްބައިގެން ރިހެބިލިޓޭޓް ކުރެވޭނެ އެވެ.

މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައިވަނީ އެތަނުގައި ރިހެބިލިޓޭޓްވާ ކުދިން 18 އަހަރުވުމުން ފުލުހުން ނުވަތަ ސިފައިންގެ ޚިދުމަތަށް ވެއްދުމާއި، ވަކި މުއްދަތަކަށް ފަހު އެކުދިން ބޭނުންވާ ދާއިރާއަށް ނިކުތުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ