ހުނި ހަކުރަކީ ކަބަފައިންގެ ޒަމާނުން ސުރެ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ. ކުރީ ޒަމާނުގައި ހުނި ހަކުރަކީ ފޮނި އެއްޗެހި ގެ ރާޖާގެ ގޮތުގައި ވެސް ސިފަކޮށްފައި އެބަ ހުއްޓެވެ.
ދިވެހި ރުކުގެ ގަބުޅިން ތައްޔާރު ކުރާ މި ފޮނި ބާވަތަކީ މިހާރުވެސް ވަރަށް ހިންގާ އެއްޗެކެވެ. އަދި ވެސް ރޯދަ ސުފުރާ މަތިން ފެންނަ މި ބާވަތަކީ ބަލާލަން ވެސް ރީތި ޝޭޕަކަށް ހަދާ އެއްޗެކެވެ.
ބޭނުން ވާނެ ތަކެތި
1 ޖޯޑު ޅަ ގަބުޅީގެ ހުނި (މިކްސްޗަރުން ފުނޑާފައި)
1 ޖޯޑު ހަކުރު
1 ޖޯޑު ފުށް
ރާނބާފަތް
ތައްޔާރު ކުރާނެ ގޮތް
މިކްސްޗަރު ކޮށްފައި ހުރި ގަބުޅި ހުންޏަށް، ހަކުރު ކޮޅު އަޅައިލާށެވެ. އަދި ރާނބާފަތްކޮޅެއް ލައިގެން މަޑު ގިނީގައި ކައްކަމުން ގެންދާށެވެ. ރީއްޗަށް ހަކުރުތައް ވިރުމަށް ފަހު، ކުޑަކޮށް ހިކިލީމައި އުންދުންމަތިން ބާލާށެވެ. (ބޭލުމަށް ފަހު، ބޭނުން ނަމަ، 1 ސައިސަމުސާ ފިނިފެން އެޅިދާނެ)
ރޮށި ފިހާ ގޮތަށް 1 ޖޯޑު ފުށް މޮޑެފައި، ކުދިކޮށް ގުޅަ ހަދާފައި، ގުޅަތައް ދަމާފައި، އެތެރެއަށް ހުނިހަކުރު އެޅުމަށް ފަހު، ޕެޓީސް ބަންދު ކުރާ ގޮތަށް ބަންދު ކޮށްލާށެވެ. (ދެން ރީތި ގޮތަކަށް ބެއްދި ކައިރި ކުދި ގެތުމެއް ސިފަވާ ގޮތަށް އަނބުރާލާށެވެ.) ފެނަށް ރާނބާފަތްކޮޅެއް ލައިގެން ހުނިހަކުރު ސްޓީމްކޮއްލާށެވެ. ތެއްލައިގެން ނުވަތަ ފިހެގެން ވެސް މި ހުނިހަކުރު ތައްޔާރު ކުރެވޭނެއެވެ.