މާލޭގައި ހުރި ގެއެއްގައި ޤަވާއިދާ ޚިލާފަށް ކާބޯތަކެތި ތައްޔާރުކޮށް ޑެލިވަރީ ކުރުމުގެ ވިޔަފާރިއެއް ހިންގަމުން ދިޔަ ތިން ބިދޭސީން އިމިގްރޭޝަނުން ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އިމިގްރޭޝަން ވޮޗަށް މިމަހުގެ 5 ވަނަ ދުވަހު ލިބުނު މަޢުލޫމާތަކާ ގުޅިގެން ރޭ މ. ހަރމަނީ ބަލައި ފާސްކުރެވުނެވެ.
ބަލައި ފާސްކުރުމުގައި ފާހަގަކުރެވުނު ގޮތުގައި މި ގޭގެ ފުރަތަމަ ފަންގިފިލާގައި ރޭގަނޑު 9:00 އިން ފެށިގެން މެންދަމު 2:00 އާ ހަމައަށް ކާބޯތަކެތި ތައްޔާރުކޮށް އޮންލައިންކޮށް ޑެލިވަރީކުރުމުގެ ވިޔަފާރިއެއް ކުރަމުން ގެންގޮސްފައިވެއެވެ.
އިމިގްރޭޝަނުން އިތުރަށް ހާމަކުރި ގޮތުގައި، މި ވިޔަފާރީގައި މަސައްކަތްކުރަމުން ދިޔަ ތިން ބިދޭސީން މަސައްކަތްކުރަމުން ދިޔައީ އެފަރާތްތަކަށް ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ޤަވާއިދާ ޚިލާފަށެވެ. އެހެންކަމުން، މި ތިން ބިދޭސީން ވަނީ މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މައްސަލަ ތަޙްޤީޤު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ޤަވާއިދާ ޚިލާފަށް ހިންގާ މިފަދަ ޙަރަކާތްތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.