ރާއްޖޭގެ 32 ރަށެއްގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރާ ވަޞީލަތްތަކާއި އެކަމަށް ބޭނުންވާ އިމާރާތްތައް އެޅުމުގެ މަސައްކަތް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކޮށްފިއެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ބޭއްވުނެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއާއި ވެމްކޯއާ ދެމެދު ވެވުނު މި އެއްބަސްވުމުގައި ތިމާވެށްޓާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޠާރިޤު އިބްރާހީމެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކ ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުޖްތަބާ ޖަލީލެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ކުނި މެނޭޖްކުރަން ބޭނުންވާ ވަޞީލަތްތަކާއި މަރުކަޒުތައް ރަށްރަށުގައި ޤާއިމުކުރުމުގެ މަސައްކަތަށް އެ ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ. އަދި އެފަދަ އެއްބާރުލުމެއް ލިބިއްޖެނަމަ މަސައްކަތްތައް އަވަހަށް ކުރިއަށްގެންގޮސް ނިންމުމަށް ފަސޭހަވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން ކުނި މެނޭޖްކުރުމުގެ ވަޞީލަތްތައް ޤާއިމުކުރެވޭ ރަށްތަކުގެ ތެރޭގައި ހއ. ދިއްދޫ، ހއ. ހޯރަފުށި، ހއ. އިހަވަންދޫ، ހދ. ކުޅުދުއްފުށި، ކ. ދިއްފުށި، މ. މަޑުއްވަރި، ފ. ބިލެއްދޫ، ތ. ވިލުފުށި، ލ. އިސްދޫ، ގދ. ތިނަދޫ، ޏ. ފުވައްމުލައް އަދި ސ. ހުޅުމީދޫ ހިމެނެއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ ރަށްތަކުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކޮށް، ތިމާވެށި ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.
ކޮމެންޓު ފޮނުވާ