މާލެ، 7 މާރޗް 2025 – އިމިގްރޭޝަން ވޮޗްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މއ. ހިތިލާގޭގައި ދިރިއުޅެމުންދިޔަ 32 ބިދޭސީން އިމިގްރޭޝަން ކަސްޓަޑީއަށް ގެނެވިއްޖެއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ސޯޝަލް މީޑިއާގައި ޙިއްޞާކުރި ވީޑިއޯއެއްގައި ބުނެފައިވަނީ، މިދިޔަ މަހު އިމިގްރޭޝަން ވޮޗްއަށް ލިބުނު ރިޕޯޓެއްގައި، މއ. ހިތިލާގެއަށް ގަނޑުކުރި މަސް، ތަރުކާރީ އަދި އެހެނިހެން ކާނާގެ ބާވަތްތައް އަބަދުވެސް ސަޕްލައި ކުރާކަމަށް ހަބަރު ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން، ގިނަ އަދަދެއްގެ ގޭސް ސިލިންޑަރުތައް އެ އިމާރާތަށް ގެންދާކަމާއި، މެންދުރު ކެއުމަށް ގިނަ އަދަދެއްގެ ބަތް ޕާސަލްތައް ޑެލިވަރީ ކުރުމަށް ނުކުންނަ މީހުން އަދި ޑެލިވަރީއަށް ބޭނުންކުރާ ސައިކަލްތައް އެތަނުގައި ފެންނަކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. "މިއީ ގިނަ އަދަދަކަށް އެއްފަހަރާ ކެއްކުމުގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީން ތިބުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ތަނެއްކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވޭ" ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަނުގައި، އެ އިމާރާތުގައި ދިރިއުޅެމުންދިޔަ 76 ބިދޭސީންގެ ލިޔެކިޔުންތައް ޓާސްކްފޯހުން ބަލާފައިވެއެވެ. "މީގެ ތެރެއިން ސައްހަ ވިސާއެއް ނެތި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ މީހުންނާއި ވަޒީފާދިން ފަރާތުން ފިލައިގެން އުޅޭ މީހުން ހިމެނޭހެން 32 ބިދޭސީއެއް މިހާރު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައި" ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، މއ. ހިތިލާގަކީ ޑެގް އަޅައިގެން ހަދާފައިވާ ހަތަރު ފަންގިފިލާގެ ބާ އިމާރާތެކެވެ.
މިފަދަ ރިޕޯޓުތައް އިމިގްރޭޝަން ވޮޗް މެދުވެރިކޮށް ހުށަހަޅައި، އެ އިދާރާއިން ކުރަމުން އަންނަ މަސައްކަތުގައި އާންމުން ދެމުން އަންނަ އެއްބާރުލުން އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ފުރުވާލުމަށް އިމިގްރޭޝަނުން ދަނީ ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މިހާތަނަށް 6,000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ މީހުންނާއި އެކި ކުށްތަކަށް އަރައިގަންނަމުން ދިޔަ މީހުންނެވެ. މީގެތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ އިތުރުން ހަށިވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވި މީހުން ހިމެނެއެވެ.
މީގެއިތުރުން، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކް ނެގުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. މިހާތަނަށް 25,000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ޑޭޓާ ނަގާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފައިވެއެވެ.