އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އިތުރު 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ގެންދަން ފެނަކައިން ނިންމައިފިއެވެ.
ފެނަކައިން މިހާރަށް ދިން މަޢުލޫމާތުގައި ބުނެފައިވަނީ ވޭތުވެދިޔަ ދެ މަސް ތެރޭގައި އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. މިގޮތުން މިދިޔަ މަހުގެ 17 ވަނަ ދުވަހު ވެސް ސްޓެލްކޯއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން އައްޑޫއަށް 1.8 ކިލޯވޮޓުގެ އާ ޖަނަރޭޓަރެއް ފޮނުވާފައިވެއެވެ.
އެހެންނަމަވެސް އިއްޔެ ވެސް ރަށުން ކަރަންޓު ކެނޑި އާންމުންގެ ޝަކުވާތައް ބޮޑުވެފައިވެއެވެ. އިއްޔެ ކަރަންޓުގެ މައްސަލަ ދިމާވީ ޖެނަރޭޓަރު ސެޓަކަށް ދިމާވި ކުއްލި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ފެނަކައިން ބުނެފައިވެއެވެ. އެކަން ހައްލުކުރުމަށް ބޭނުންވާ ސްޕެއާ އައްޑޫގައި ހުރި ކަމަށާއި މިއަދު މެންދުރު ފަހުގެ ވަގުތެއްގައި މަރާމާތުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
މިދިޔަ މަހު ފެނަކައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަލާކުވެފައިވާ ޖަނަރޭޓަރުތަކުގެ ތެރެއިން އެއް ޖަނެރޭޓަރު މަރާމާތުކޮށް، މިހާރު ބޭނުން ކުރަމުން އަންނަ ކަމަށެވެ. ދެ ވަނަ ޖަނެރޭޓަރު މަރާމާތުކޮށް ރޯދައިގެ ކުރިން ނިންމޭނެ ކަމަށް ބުނެފައިވާއިރު، ރާއްޖެއިން ބޭރުން ސްޕެއާ ގެނެސްގެން ތިން ވަނަ ޖަނެރޭޓަރު މަރާމާތުކޮށް ނިންމާނެ ކަމަށްވެސް ބުނެފައިވެއެވެ.
އިތުރަށް ފެނަކައިން މަޢުލޫމާތު ދީފައިވަނީ ސްޕެއަރ ރާއްޖެއިން ބޭރުން ގެނެސް، އެ ޖަނަރޭޓަރު ސެޓް މަރާމާތުގެ މަސައްކަތް ވަނީ ފަށާފައި ކަމަށެވެ. އިތުރު ބޮޑު ކަމެއް ދިމާނުވާ ނަމަ، މި މަހުގެ 10 ވަނަ ދުވަހު އެ މަސައްކަތް ނިންމައި ޚިދުމަތް ދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އައްޑޫގެ އިންޖީނުގޭގެ ވެންޓިލޭޝަން ރަނގަޅު ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ފެނަކައިން ބުނެފައިވެއެވެ. މިއީ ޖަނަރޭޓަރު ސެޓްތަކުގެ ޕާފޯމަންސް ރަނގަޅުކުރުމާއި ކެޕޭސިޓީ އިތުރުކުރުމަށް ކުރެވޭ މަސައްކަތެކެވެ. ނަމަވެސް މިއީ ރާއްޖެއިން ބޭރުން ބައެއް ތަކެތި ގެނެސްގެން ކުރެވޭނެ ކަމެއް ކަމަށްވެފައި، މި މަސައްކަތް ނިންމާލުމަށް މަހެއްހާ ދުވަސް ނަގާނެކަމަށް ފެނަކައިން ބުނެފައިވެއެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި އެންމެ މަތިން ކަރަންޓު ބޭނުންވާ ގަޑިތަކުގައި 12 މެގަވޮޓްގެ ކަރަންޓު ބޭނުންވެއެވެ. ކަރަންޓު ފޯރުކޮށްދިނުމަށް ހިތަދޫގައި ބަހައްޓާފައިވަނީ 20 ޖެނަރޭޓަރު ސެޓެވެ. އޭގެ ޖުމްލަ ކެޕޭސިޓީއަކީ 26.8 މެގަވޮޓް ނަމަވެސް ޖެނަރޭޓަރު ސެޓްތައް ހަލާކުވުމުގެ ސަބަބުން މިދިޔަ އަހަރުން ފެށިގެން ކަރަންޓުގެ މައްސަލަ ބޮޑުވެ، އާންމުންގެ ޝަކުވާ އިތުރުވެފައިވެއެވެ.