ކެނެބިސް އެތެރެކުރި ދިވެއްސަކަށް 12 އަހަރުގެ ޖަލު ޙުކުމް އިއްވައިފި

ކެނެބިސް އެތެރެކުރި ދިވެއްސަކަށް 12 އަހަރުގެ ޖަލު ޙުކުމް އިއްވައިފި

Author
ހުސައިން
03 މާރޗް 2025 10:01
0

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 12 އަހަރަށް ޖަލަށްލުމަށާއި 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

ރާއްޖެއަށް ކިލޯއެއްހާ ކެނެބިސް އެތެރެކުރި މައްސަލައިގައި ޙުކުމްކޮށްފައިވަނީ މ.ތިރިންގަލި، އަޙްމަދު ވިސާމްގެ މައްޗަށެވެ.

ވިސާމްގެ މައްޗަށް ޙުކުމްކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހު، ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ކަރުދާސް ފޮށްޓެއް ބަލައި ފާސްކުރުމުގެ ތެރެއިން އެ ފޮށީގައި ހުރި ދެ ފުޅިއަކުން ޖުމްލަ 962.7 ގްރާމުގެ ކެނެބިސް ފެނުމާ ގުޅިގެންނެވެ.

މި ބާވަތުގެ މައްސަލަތަކުގައި އާންމު އަދަބަކީ އުމުރަށް ޖަލަށްލުމާއެކު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުން ނަމަވެސް، ދައުލަތުން ވަނީ ވިސާމްއާ އެކު ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން، އަދަބު ލުއިކޮށްދީފައެވެ.

ވިސާމް ކުށަށް އިއުތިރާފްވުމާ ގުޅިގެން އޭނާގެ އަދަބު ލުއިކޮށްދީފައިވާއިރު ކޯޓުން ކުރި ޙުކުމުގައި، މައްސަލައިގެ ތަޙުޤީޤު މަރުޙަލާ އަދި ޝަރީޢަތުގެ މަރުޙަލާގައި އެ ފަރާތް ހޭދަކުރި އެއް އަހަރާއި ހަތް މަސް ދުވަހުގެ މުއްދަތު ވަނީ އުނިކޮށްފައެވެ. އެހެންކަމުން އޭނާ ޖަލުގައި ހޭދަކުރަންޖެހޭނީ 10 އަހަރާއި 11 މަސް ދުވަހެވެ.

މީގެ އިތުރުން ކޯޓުން ވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި 50،000 ރުފިޔާ ދައުލަތަށް ދެއްކުމަށްވެސް ޙުކުމްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.