މަޖިލީހުގެ ކޮމިޓީތަކުން މެންބަރުން އެއް ކޮމިޓީން އަނެއް ކޮމިޓީއަށް ބަދަލުކުރުމަކީ ޕާލިމެންޓަރީ ގްރޫޕްތަކުގައި އަބަދުވެސް ހިނގާ ކަމެއްކަމަށް ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ ވިދާޅުވީ ޕީޖީ ގްރޫޕްގެ ޢަދަދާއި، ކޮމިޓީތަކުގެ ޢަދަދާއި، މެންބަރުން ކޮމިޓީގެ ހާޒިރީއަށް ދެއްވާ އަހަންމިއްޔަތުކަމާއި، ކޮމިޓީގެ މަސައްކަތަށް ދެއްވާ ސަމާލުކަން ފަދަ ކަންކަމުގެ މައްޗަށް ބިނާކޮށް އެކި ކޮމިޓީތަކަށް އެކި މެންބަރުން އެކި އިރު ބަދަލުގެނައުމަކީ 17، 18، އަދި 19 ވަނަ މަޖިލީހުގައިވެސް ޢާންމުކޮށް ހިނގާފައި ހުރި ކަންކަން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވަނީ 20 ވަނަ މަޖިލީހުގައިވެސް މިފަދަ ބަދަލުތައް ގެނެވިފައިވާ ކަމަށާއި، ކުރިއަށް އޮތްތާނގައިވެސް ކޮމިޓީތަކަށް އެ ވަގުތަކަށް ބޭނުންވާ ބަދަލުތައް އަންނަމުން ދާނެ ކަމަށެވެ.
ޕީއެންސީން ސުޕްރިމް ކޯޓުގެ ބެންޗު ބަދަލު ކުރުމަށް ކޯޓުގެ ގާނޫނަށް ގެނައި އިސްލާހަށް، މެމްބަރު އަޒާން ވޯޓު ނުދިނުމާއި ގުޅިގެން އޭނާ ވަނީ މަޖިލިހުގެ މުހިންމު ދެ ކޮމިޓީއަކު ވަކި ކޮށްފައެވެ.
ކޮމެންޓު ފޮނުވާ