ރޯދަމަހު މާލޭގައި ސަލާމަތީ ޚިދުމަތްތައް އިތުރުކުރަނީ

ރޯދަމަހު މާލޭގައި ސަލާމަތީ ޚިދުމަތްތައް އިތުރުކުރަނީ

ގުޅުންހުރި

ރޯދަމަހު މާލޭގެ އެކި ސަރަހައްދުތަކުގައި ކުށްކުރާ މިންވަރު އިތުރުވާތީ، އެކަމަށް ސަމާލުކަން ދިނުމަށްޓަކައި ރޯދަމަހުގައި ޚާއްސަ ސަލާމަތީ ފިޔަވަޅުތަކެއް އަޅަން ފުލުހުން ނިންމައިފިއެވެ.

ފުލުހުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ވަލީދު ސަޢީދު ވިދާޅުވީ، މާލޭގައި ކުށްކުރާ ސަރަހައްދުތަކާއި ކުށްކުރާ ޕެޓާންތައް ދެނެގަނެ، އެ ސަރަހައްދުތަކުގައި އަމަން ބެލެހެއްޓުމަށް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ. މާލެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރެވޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރަމަޟާން މަހު ސްކޫލްތައް ބަންދުވުމާއެކު ގިނަ ބަޔަކު ރަށުން ބޭރަށް ދިއުމަށް ރޭވުމުން، އެކަމާގުޅޭ ގޮތުން ފުލުހުން ވަނީ ތައްޔާރުވެފައެވެ. ރޯދަމަހު ވަކި ގަޑިތަކެއްގައި ޚާއްސަކޮށް ވައްކަމާއި ފޭރުން އިތުރުވާކަން ފާހަގަކުރެވޭތީ، މިކަމަށް މީހުން ހޭލުންތެރިކުރުވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށްވެސް ވަލީދު ސަޢީދު ވިދާޅުވިއެވެ.

ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ ރެސްޕޯންސް އެންޑް ޕެޓްރޯލްގެ ހެޑް އިސްމާޢީލް ހަމީދު ވިދާޅުވީ، މީގެ ކުރީ އަހަރުތަކުގެ ރަމަޟާން މަހު ހިނގާފައިވާ ކުށްތަކަށް ބަލައި، ކުށްތައް މަދުކުރުމަށްޓަކައި އެކި މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ހުޅުމާލޭގައި ރޯދަމަހުގެ ވަގުތުތަކުގައި ޓްރެފިކް ބެލެހެއްޓުމަށް ޚާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށްވެސް ފުލުހުން ހާމަކުރިއެވެ.

ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން، ފުލުހުން ވަނީ ސިޓީ ކައުންސިލާއި އެހެނިހެން ގުޅުންހުރި އިދާރާތަކާ ގުޅިގެން މާލޭގެ މަގުތަކުގައި ޖާގަ ހުސްކުރުމުގެ މަސައްކަތްތަކެއް ކޮށްފައެވެ. މީގެ އިތުރުން، ޓްރެފިކް ނިޝާންތައް ނެތް ސަރަހައްދުތަކުގައި އަލުން ނިޝާންތައް ކުރެހުމާއި، ބޭނުން ނުކޮށް ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތްވެސް މާލެ ސަރަހައްދުގައި ކުރެވިފައިވާކަން ފުލުހުން ފާހަގަކުރިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ