ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ބަންގްލަދޭޝް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދީފި!

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ބަންގްލަދޭޝް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދީފި!

ގުޅުންހުރި

ބަންގްލަދޭޝް އިންތިގާލީ ސަރުކާރުގެ ޗީފް އެޑްވައިޒަރު ޑރ. މުހަންމަދު ޔޫނުސް، ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވައިފިއެވެ. މިޔަގީންކަން އެމަނިކުފާނު ދެއްވާފައިވަނީ ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދާ ބައްދަލުކުރެއްވުމަށްފަހުއެވެ.

މި ބައްދަލުވުމުގައި ސަފީރު ޝިއުނީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަމުގައާއި ދިވެހި ރައްޔިތުންގެ ނަމުގައި ބަންގްލަދޭޝްގެ އިސްވެރިންނާއި ރައްޔިތުންނަށް ތަހުނިޔާ ރައްދުކުރައްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެއްބައިވަންތަކަމާއި ގާތް އެކުވެރިކަން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ހަމައެއާއެކު، ޑރ. ޔޫނުސްގެ ޒައާމަތުގައި ބަންގްލަދޭޝްއިން ހާސިލުކުރަމުންދާ ކުރިއެރުންތަކަށް ތައުރީފްކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ޑރ. ޔޫނުސް ވަނީ ރާއްޖޭގެ ސަފީރަށް މަރުހަބާ ވިދާޅުވެ، ދިވެހިރާއްޖެއާއެކު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. މީގެއިތުރުން، އެމަނިކުފާނު ވިދާޅުވީ ބަންގްލަދޭޝްގެ ވެރިކަމާ ހަވާލުވެވަޑައިގެންފަހުން މިވީ ކުރު މުއްދަތުގައި ރައީސް ޑރ. މުއިއްޒުއާ ދެފަހަރެއްގެ މަތިން ބައްދަލުކުރެވިފައިވާ ކަމަށާއި، މިއީ ދެ ގައުމުގެ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްކަމަށެވެ.

ސަފީރު ޝިއުނީން ވަނީ ބަންގްލަދޭޝްގެ ސަރުކާރުން ރާއްޖެއާމެދު ބަހައްޓަވާ ގާތްކަމަށް ޝުކުރު ދަންނަވައި، ބަންގްލަދޭޝްއަކީ ހާއްސަކޮށް މަތީ ތައުލީމާއި ވިޔަފާރީގެ ދާއިރާގައި ރާއްޖެއަށް މުހިންމު ގައުމެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ސިއްޙީ ދާއިރާއިން މަތީ ތައުލީމް ހާސިލުކުރުމަށް ކޮންމެ އަހަރަކު ބަންގްލަދޭޝްއިން ރާއްޖެއަށް ދެމުންދާ ސްކޮލަޝިޕްގެ ފުރުސަތުތަކާއި މެޑިކަލް އިންޓާންޝިޕްގެ ފުރުސަތުތައް ސަފީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހޯމް މިނިސްޓްރީން މިހާރު ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގެ ތަފްސީލު ސަފީރު ޝިއުނީން ވަނީ ޑރ. ޔޫނުސްއަށް ހިއްސާކުރައްވާފައެވެ. އަދި މިކަމުގައި ބަންގްލަދޭޝް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ޑރ. ޔޫނުސް ވަނީ ދެއްވާފައެވެ.

މި ބައްދަލުވުމުގައި، ދެ ބޭފުޅުން ވަނީ ބައިނަލްއަޤްވާމީ މަޝްރަޙުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. ޚާއްސަކޮށް ރާއްޖެއާއި ބަންގްލަދޭޝް ފަދަ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ކުރާ ގައުމުތައް ގުޅިގެން އެކުއެކީގައި މަސައްކަތްކުރުމުގެ މުހިންމުކަން ދެ ބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ