މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކޮށް، މި ދާއިރާއިން ފަންނީ މީހުން ބިނާކުރުމަށް ޚާއްޞަކޮށްގެން "ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވް" ރަސްމީކޮށް ފަށައިފިއެވެ. މި އިނިޝިއޭޓިވް އިފްތިތާޙުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
އެމްއެމްއޭގެ މި އައު އިނިޝިއޭޓިވްގެ ދަށުން މައިގަނޑު ދެ މަސައްކަތެއް ކުރިއަށްދާނެއެވެ. އޭގެތެރޭގައި ރާއްޖޭގައި އިސްލާމީ މާލީ ނިޒާމާމެދު ހޭލުންތެރިކަން އިތުރުކުރުމާއި، މި ދާއިރާއިން ތަމްރީނު ލިބިފައިވާ ފަންނީ މީހުން އިތުރުކުރުން ހިމެނެއެވެ.
އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މި މަސައްކަތަށް އެ ވުޒާރާގެ ފުރިހަމަ އެއްބާރުލުން ލިބިދޭނެކަމަށެވެ. އަދި ރާއްޖޭގައި އިސްލާމީ މާލީ ނިޒާމު ކުރިއެރުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ މަރުކަޒީ ބޭންކަށް ކަމަށާއި، މެލޭޝިއާ ފަދަ ޤައުމުތަކުގައިވެސް މި ނިޒާމު ކުރިއަރާފައިވަނީ އެ ޤައުމުތަކުގެ މަރުކަޒީ ބޭންކުތަކުން އިސްނަގައިގެން ކުރި މަސައްކަތުންކަން ފާހަގަކުރެއްވިއެވެ.
އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު ވިދާޅުވެފައިވަނީ، އެމްއެމްއޭގެ އަމާޒަކީ ރާއްޖެ އިސްލާމީ މާލީ ނިޒާމުގެ މުހިންމު ހަބަކަށް ހެދުންކަމަށެވެ. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި އިސްލާމީ މާލީ ނިޒާމާބެހޭ ހޭލުންތެރިކަން އިތުރުކޮށް، މި ދާއިރާއިން ތަމްރީނު ލިބިފައިވާ ފަންނީ މީހުން އުފެއްދުމަށް އެމްއެމްއޭއިން ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަމަށްވެސް ވިދާޅުވިއެވެ.
އަދި ތަމްވީލް އިނިޝިއޭޓިވްގެ ދަށުން، މި ދާއިރާއިން ތަމްރީނު ލިބޭނެ ފުރުޞަތުތައް އިތުރުކުރުމަށްޓަކައި ކެޕޭސިޓީ ޑިވެލޮޕްމަންޓް ފަންޑެއްވެސް ޤާއިމުކޮށްފައިވެއެވެ. އެމްއެމްއޭއިން 5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ފަށާފައިވާ މި ފަންޑުގެ ދަށުން، އިސްލާމީ މާލީ ނިޒާމާ ގުޅުންހުރި އެކިއެކި ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
އިފްތިތާޙީ ޖަލްސާގައި، މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ޔުނިވަރސިޓީއިންވެސް ވަނީ ދިވެހިރާއްޖޭގައި އިސްލާމީ މާލީ ނިޒާމުގެ ދާއިރާއިން ފަންނީ މީހުން ބިނާކުރުމުގައި އެ ޔުނިވަރސިޓީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައެވެ.
ތަމްވީލް އިނިޝިއޭޓިވްގެ ދަށުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މި ރަމަޟާން މަހު ޓީވީއެމް މެދުވެރިކޮށް "ތަމްވީލް" ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފޮނުވުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެއިތުރުން، ތަމްވީލް ކުއިޒް މުބާރާތެއްވެސް ޓީވީއެމްގެ އެހީއާއެކު ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި ކުއިޒް މުބާރާތުގައި ކޮންމެ ދުވަހަކު ހުށަހެޅޭ އިސްލާމީ މާލީ ނިޒާމާގުޅޭ ސުވާލަށް ރަނގަޅު ޖަވާބުދޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުލައިގެން ހޮވޭ ބޭފުޅަކަށް ބީއެމްއެލް އިސްލާމިކްގެ ފަރާތުން 1000 ރުފިޔާގެ ގިފްޓްކާޑެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި އެންމެ ގިނަ ސުވާލުތަކަށް ރަނގަޅު ޖަވާބުދޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ދެ މީހެއްގެ އުމްރާ ދަތުރެއްވެސް ދިނުމަށް ހަމަޖެހިފައިވެއެވެ.
ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވްގެ ޓީވީ ޕްރޮގްރާމާއި ކުއިޒް ކުރިއަށްދާނީ ރާއްޖޭގެ އިސްލާމީ މާލީ އިދާރާތަކާއި ޕީއެސްއެމް ގުޅިގެންނެވެ. މީގެތެރޭގައި ބީއެމްއެލް އިސްލާމިކް، މޯލްޑިވްސް އިސްލާމިކް ބޭންކް، އެލައިޑް އިންޝުއަރެންސް، އަދި މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ކޯޕަރޭޝަން ފަދަ އިދާރާތައް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ