ގާނޫނު އަސާސީ ބަދަލު ކުރުމުގެ ބާރު އޮންނާނީ ރައްޔިތުންނަށް: ނަޝީދު

ގާނޫނު އަސާސީ ބަދަލު ކުރުމުގެ ބާރު އޮންނާނީ ރައްޔިތުންނަށް: ނަޝީދު

ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ ގާނޫނުއަސާސީއަށް މަޖިލީހުން ގެނެސްފައިވާ އިސްލާހެއް ބާތިލުކުރުމަށް އެދި ސްޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް އެ ކޯޓުގައި ކުރިޔަށްދަނިކޮށެވެ. ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގެ ނަޒަރުގައި ގާނޫނު އަސާސީއަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކަމުގައެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ޕާޓީ ބަދަލު ނުކުރެވޭގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވަނީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިނެވެ. މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހު ބާތިލުކުރުމަށް އެދި ހުށަހެޅި މައްސަލައެކެވެ.

ދައުލަތުގެ ވަކީލާ ފާތިމަތު ހަލީމް މި މައްސަލަ ސްޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ވިދާޅުވި ނަމަވެސް، އެ ކޯޓުން ނިންމަވާފައިވަނީ މައްސަލަ ކުރިއަށް ގެންދިއުމަށެވެ. މިކަމާ ގުޅިގެން ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ގާނޫނުއަސާސީ އިސްލާހު ކުރެވޭނީ ހަމައެކަނި މަޖިލީހަށް ކަމަށާއި، ގާނޫނުއަސާސީގެ ނަޒަރުގައި ގާނޫނުއަސާސީ ބަދަލުކުރާ ނަމަ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ ކަމަށެވެ. އަދި ގާނޫނުއަސާސީ ބަދަލު ކުރުމުގެ ބާރު އޮންނަނީ ސީދާ ރައްޔިތުންނަށް ކަމަށްވެސް އެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

މިހާރު ސްޕްރީމް ކޯޓުގައި އޮތް މި މައްސަލައަށް އިދިކޮޅު އެމްޑީޕީ އާއި ނަޝީދުގެ ޑިމޮކްރެޓްސްއިން ވަނީ ތަދައްޚުލުވެފައެވެ. ނަމަވެސް ޑިމޮކްރެޓްސްއިން މައްސަލައިގެ އަޑުއެހުންތަކަށް ހާޒިރުވެފައެއް ނުވެއެވެ. މި މައްސަލައިގައި ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީ ވެސް ދެކެވަޑައިގަންނަވަނީ ނަޝީދު ދެކެވަޑައިގަންނަވާ ގޮތަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *