ގޮނޑި ގެއްލޭ މައްސަލަ ބެލޭނެ ކަމަށް ސްޕްރީމްކޯޓުން ކަނޑައަޅައިފިއެވެ.
ގާނޫނު އަސާސީއަށް ގެނެވުނު 6 ވަނަ އިސްލާހުގެ މައްސަލަ ސްޕްރީމް ކޯޓުގެ ފުލް ބެންޗުގައި ކުރިއަށް ދަނިކޮށް، އެ މައްސަލަ އަކީ ސްޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުން އެދުނެވެ.
މި މައްސަލައިގައި، މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި 6 ވަނަ އިސްލާހު ބާތިލް ކުރުމަށް އެދި ކޯޓަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިންއެވެ. މައްސަލަ ބެލޭނެ ކަމަށް ބެންޗުން ނިންމުމާ ގުޅިގެން ދައުލަތުން ވަނީ ޖަވާބުދާރީ ވުމަށް 10 ދުވަހުގެ މުހުލަތަކަށް އެދިފައެވެ.
އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާންގެ ރިޔާސަތުގައި ކުރިއަށްދިޔަ މި މައްސަލައިގެ ބެންޗުގައި، ޑރ. އަޒްމިރާލްދާ ޒާހިރު، އާއިޝާ ޝުޖޫން މުހައްމަދު، މަހާޒު އަލީ ޒާހިރު، ހުސްނުއްސުއޫދު، އަލީ ރަޝީދު ހުސައިން އަދި ޑރ. މުހައްމަދު އިބްރާހީމް ހިމެނިވަޑައިގަންނަވައެވެ.
ދައުލަތުން ބުނެފައިވާ ގޮތުގައި، ގާނޫނު އަސާސީއަށް އިސްލާހު ގެންނަނީ މަޖިލީހުން ކަމަށާއި މި އިސްލާހަކީ ގާނޫނު އަސާސީގެ 12 ވަނަ މާއްދާގައިވާ އިހުތިސާސްގެ ދަށުން ގެނެސްފައިވާ އިސްލާހެކެވެ. ނަމަވެސް މައްސަލަ ހުށަހެޅުއްވި އަލީ ހުސައިން ވިދާޅުވެފައިވަނީ، މި އިސްލާހު ވަނީ އެންމެ 9 ގަޑިއިރުގެ ތެރޭގައި ގެނެސްފައި ކަމަށާއި، އިސްލާހު ގެނައުމުގެ އިޖުރާއަތުތައްވެސް ގޯސް ކަމަށެވެ. އަދި މި އިސްލާހަކީ ގާނޫނުއަސާސީގެ 4 ވަނަ މާއްދާ، 8 ވަނަ މާއްދާ، 26 ވަނަ މާއްދާ، 75 ވަނަ މާއްދާ އަދި 90 ވަނަ މާއްދާއާ ހިލާފު އިސްލާހެއް ކަމަށް އޭނާ ފާހަގަކުރައްވައެވެ.
މި އިސްލާހާ ގުޅިގެން، މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ހާލަތުތަކުގައި، އެ މެންބަރަކު ނިސްބަތްވާ ޕާޓީގެ އެތެރޭގެ ސިޔާސަތުތަކާ ގުޅިގެން، ޕާޓީގެ ލީޑާޝިޕުން ނާޖާއިޒް ބާރުތަކެއް ބޭނުންކޮށްފާނެ ކަމަށް ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރެއެވެ. އެހެންނަމަވެސް، ފްލޯ ކްރޮސް ކުރުން ނުވަތަ ސިޔާސީ އަދި މާލީ މަންފާއަކަށްޓަކައި މަޖިލީސް މެންބަރުން، އެ މެންބަރަކު އިންތިހާބުވި ހައިސިއްޔަތު ނުވަތަ ޕާޓީގެ މަސްލަހަތާ ފުށޫއަރާ ނިންމުންތައް ނިންމުން ހުއްޓުވުމަށް މުހިންމު އިސްލާހެއްގެ ގޮތުގައި ގިނަ ބަޔަކު މި އިސްލާހު ދެކެއެވެ.