އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީ އަންހެނަކާއި އޭނާގެ އޭޖެންޓްގެ ގޮތުގައި މަސައްކަތްކުރި ފިރިހެނަކު އަތުލައިގަނެވިއްޖެއެވެ.
އިމިގްރޭޝަނުން މައުލޫމާތު ދެއްވިގޮތުގައި، އަތުލައިގަނެވުނު ދެ މީހުންނަކީ ނޭޕާލަށް ނިސްބަތްވާ 52 އަހަރުގެ ޗަތުރަ ބަހާދޫރް ވަޖީ އާއި އިންޑިއާއަށް ނިސްބަތްވާ 39 އަހަރުގެ ގީތާ ކުމާރަސާމީއެވެ.
މައްސަލައިގެ ތަހުގީގަށްފަހު، ހަށިވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވި އިންޑިއާގެ އަންހެން މީހާ ވަނީ ޑިޕޯޓްކޮށްފައެވެ. އަދި އޭޖެންޓްގެ ގޮތުގައި މަސައްކަތްކުރި ނޭޕާލްގެ ފިރިހެން މީހާ ޑިޕޯޓްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.