ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރަށް ރުހުން ހޯދުމަށް ފޮނުއްވައިފި

ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރަށް ރުހުން ހޯދުމަށް ފޮނުއްވައިފި

ގުޅުންހުރި

ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރުގެ މަޤާމަށް ޠާރިޤް އިބްރާހީމް އަލުން އައްޔަންކުރެއްވުމަށް ނިންމެވި ނިންމެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވައިފިއެވެ.

ޠާރިޤް މިހާތަނަށް ހުންނެވީ ރައީސް މުޢިއްޒުގެ ކެބިނެޓްގައި ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ މިނިސްޓަރުގެ މަޤާމުގައެވެ.

ނަމަވެސް ފެބްރުއަރީ 1 ގައި ރައީސް މުޢިއްޒު ވަނީ ޓޫރިޒަމް މިނިސްޓްރީއާއި ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ މިނިސްޓްރީ އެއްކުރައްވައި، އަލަށް އުފެއްދެވި ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީގެ ވެރިޔަކަށް ޠާރިޤް އައްޔަންކުރައްވާފައެވެ.

އައްޔަންކުރެއްވުމަށް ރުހުން ހޯއްދެވުމަށް ރައީސް މުޢިއްޒު ފޮނުއްވި ސިޓީ މިއަދު ހެނދުނު ވަނީ މަޖިލީހުގައި އިއްވާފައެވެ.

މި ސިޓީ ވަނީ ސަރުކާރުގެ އޯވަރސައިޓް ކޮމިޓީއަށް ދިރާސާކުރުމަށް ފޮނުވާފައެވެ.

ޓޫރިޒަމް މިނިސްޓްރީއާއި އެންވަޔަރަންމަންޓް މިނިސްޓްރީ އެއްކުރެއްވުމަށް ނިންމެވި ނިންމެވުމަކީ ޖެނުއަރީ 28 ގައި އިބްރާހީމް ފައިޞަލް ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރެއްވުމަށްފަހު ނިންމެވި ނިންމެވުމެކެވެ. ފައިޞަލް ވަކިކުރެއްވި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.

ފައިޞަލްއާއި ޠާރިޤް އަކީ ރައީސް މުޢިއްޒު 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެކުލަވާލެއްވި އަސްލު ކެބިނެޓްގެ މެންބަރުންނެވެ.

ޓޫރިޒަމް މިނިސްޓްރީއާއި އެންވަޔަރަންމަންޓް މިނިސްޓްރީ އެއްކުރެއްވުމާ ގުޅިގެން ސަރުކާރުގެ މިނިސްޓްރީތަކުގެ އަދަދު ވަނީ އަސްލު 22 އިން 20 އަށް މަދުވެފައެވެ.

މިއީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ގެންނެވި ތިންވަނަ ކެބިނެޓް ބަދަލެވެ.

ފުރަތަމަ މައިގަނޑު ބަދަލު ގެންނެވީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު 30 ގައެވެ. އެއީ ޑރ. މުޙައްމަދު ޝަފީޤް ފިނޭންސް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭގެފަހުން މޫސާ ޒަމީރު ފޮރިން މިނިސްޓަރުކަމުން ފިނޭންސް މިނިސްޓަރުކަމަށް ބަދަލުކުރެއްވިއެވެ. އަދި ޑރ. ޢަބްދުﷲ ޚަލީލް ހެލްތު މިނިސްޓަރުކަމުން ފޮރިން މިނިސްޓަރުކަމަށް ބަދަލުކުރެއްވިއެވެ. އަދި ޢަބްދުﷲ ނާޒިމް އިބްރާހީމް ހެލްތު މިނިސްޓަރުކަމަށް އައްޔަންކުރެއްވިއެވެ.

އަދި 2024 ވަނަ އަހަރުގެ ޑިސެމްބަރު 26 ގައި ރައީސް މުޢިއްޒު ވަނީ ހައުސިންގ މިނިސްޓްރީއާއި އިންފްރާސްޓްރަކްޗަރ މިނިސްޓްރީ އެއްކުރެއްވުން ހިމެނޭ އިތުރު މައިގަނޑު ބަދަލުތަކެއް ގެންނަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ