މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރު ރާއްޖެއަށް ކުރި ބައިނަލްއަޤްވާމީ ވައިގެ ދަތުރުތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކްސް ރިޕޯޓުގައިވާ ގޮތުން 2023 ވަނަ އަހަރު ބައިނަލްއަޤްވާމީ އެއަރލައިންތަކުން ރާއްޖެއަށް ކުރި 15,883 ދަތުރު 2024 ގައި 16,830 އަށް އިތުރުވެފައިވެއެވެ. މިއީ އިތުރުވި 947 ދަތުރެވެ.
ޝެޑިއުލް ކުރެވިގެން ކުރެވުނު ދަތުރުތަކަށް ބަލާއިރު، 2023 ވަނަ އަހަރު ކުރެވުނު 14,608 ދަތުރު 2024 ވަނަ އަހަރު 15,432 އަށް އިތުރުވެފައިވާއިރު، ޖެނެރަލް ފްލައިޓް މޫވްމަންޓްސްގެ ގޮތުގައި 2023 ވަނަ އަހަރު ހުރި 1,275 ދަތުރު 2024 ވަނަ އަހަރު ވަނީ 1,398 އަށް އިތުރުވެފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ ރާއްޖެއަށް ދަތުރުކުރާ ވައިގެ ދަތުރުތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، ގިނަ އެއަރލައިންތަކަކުން ރާއްޖެއަށް ދަތުރުކުރުމަށް ޝައުޤުވެރިކަން ފާޅުކުރަމުންދާކަމެވެ. މީގެ އިތުރުން 2024 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި އަހަރުކަންވެސް ފާހަގަކުރެވެއެވެ.