ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް ކުނި ބޭރުކުރުމުގެ ޚިދުމަތް ފޯރުކޮށްދޭން ފަށަން ނިންމައިފިއެވެ. މި އައު ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.
މި ޚިދުމަތް ތަޢާރަފުކުރުމުގެ ކުރިން ވެމްކޯއިން ވަނީ ފީސިބިލިޓީ ދިރާސާއެއް ހަދާފައެވެ. އެ ދިރާސާގެ އަލީގައި، މި ޚިދުމަތް ފޯރުކޮށްދޭނީ ވެމްކޯއަށް އަދި ކައުންސިލްތަކަށް މާލީ ގޮތުން ބުރަ ބޮޑުނުވާނެ ގޮތަކަށް ކަމަށް ވެމްކޯއިން މަޢުލޫމާތު ދީފައިވެއެވެ.
ވެމްކޯގެ ޚިދުމަތުގެ ތަޖުރިބާއަށް ބަލާއިރު، ކޮވިޑް-19 އާ ހަމައަށް ވެމްކޯއިން ވަނީ 11 ރަށަކުން ކުނި ބޭރުކުރުމުގެ ޚިދުމަތް ފޯރުކޮށްދީފައެވެ. އަދި ކޮވިޑް-19 ގެ ފަހުން އެ އަދަދު 19 ރަށަށް އިތުރުކޮށް، އެތައް ހާސް ޓަނުގެ ކުނި ބޭރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މިހާރު ވެމްކޯގެ ކުނި ބޭރުކުރުމުގެ ޚިދުމަތް ވަނީ މާލެ އަތޮޅު މާފުށްޓާއި ހިންމަފުށީގައި ފެށިފައެވެ.