އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އެތަކެއް ޖައްއިއްޔާ ޖަމާއަތްތަކުގެ ގޮވާލުންތަކަށް އިޖާބަ ދިނުމެއްނެތި، ތޫފާންތައް އާދަޔާ ޚިލާފަށް ގިނައިން އަންނަ ވަކިން އޮންނަ ރަށަކަށް، ބަންގްލަދޭޝަށް ހިޖުރުކޮށްފައިވާ ރޮހިންގޔާ މުސްލިމުން، ބަގްލަދޭޝް ސަރުކާރުން ބަދަލުކުރަން ފަށައިފިއެވެ.
ބަންގްލަދޭޝް ސަރުކާރުން މައުލޫމާތު ދޭގޮތުގައި، މިޔަމްމާއިން އެގައުމަށް ހިޖުރަ ކޮށްފައިވާ، ރޮހިންގޔާ ދަރިކޮޅުގެ މުސްލިމުންގެ ދެވަނަ ގުރޫޕް، ބޭއޮފް ބެންގާލްގައި ވަކިން އޮންނަ ރަށެއްކަމުގައިވާ ބަސަން ޗާރަށް މިމަހުގެ ފަހުކޮޅު ބަދަލު ކުރެވޭނެއެވެ.
މިޔަންމާގެ ރެފިއުޖީން ވަކިން އޮންނަ މިރަށަށް ބަދަލުކުރުމާ ބެހޭ ކަންކަމާ ހަވާލުވެފައިވާ އިސް ދެއޮފިޝަލަކާ ހަވާލާދީ، ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މިމަހުގެ ކުރީކޮޅު 1600 މީހުންގެ ފުރަތަމަ ގުރޫޕު ބަންގްލަދޭޝް ސަރުކާރުންވަނީ މިރަށް ބަދަލު ކޮށްފައެވެ. އަދު ކުރިޔަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި، އިތުރު 1000 މީހުންގެ ގުރޫޕެއް މިރަށަށް ގެންދިއުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
މިޔަމްމާގެ ރޮހިންގޔާ ދަރިކޮޅަށް ނިސްބަތްވާ މުސްލިމުންނަކީ، އެގައުމުގެ މައިނޯރިޓީ އާބާދީއެވެ. އެހެންނަމެވެސް، މިޔަންމާގެ ސަރުކާރުން، މިދަރިކޮޅުގެ މީހުންނަކީ، އެގައުމަށް ނިސްބަތްވާ މީހުންކަމުގައި ބަލައެއް ނުގަނެއެވެ. އަދި، މިދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުންދާ ލާއިންސާނީ އަނިޔާތަކުން ސަލާމަތްވުމަށް، މިދަރިކޮޅަށް ނިސްބަތްވާ އެތައްބަޔަކުވަނީ، މިޔަންމާ ދޫކޮށް އަވައްޓެރި އެތައް ގައުމަކަށް ހިޖުރަ ކޮށްފައެވެ.
"އެމީހުން އެންމެ ފުރަތަމަ ގެންދެވޭނީ ޗިޓަގޮންގއަށް، އަދި އެއަށްފަހު ދިޔަވަރު ރަގަޅުވީމަ ބަސާން ޗާރަށް ގެންދެވޭނެ،" މީޑިއާތަކަށް މައުލޫމާތުދޭން ހުއްދަ ލިބިފައި ނުވާތީ، ނަން ހާމަކުރުމަށް ބޭނުން ނުވާ، ބަންގްލާދޭޝްގެ އޮފިޝަލުކު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.
ބަންގްލަދޭޝްގެ ރެފިއުޖީންނާބެހޭ ކަންކަމުގެ ނައިބު، މުހައްމަދު ޝަމްސުއް ދޫޒާ، ވިދާޅު ވެފައިވަނީ، ރޮހިންގޔާ ދަރިކޮޅުގެ މީހުން ވަކިރަށަކަށް ގެންދެވެނީ އެމީހުންގެ ރުހުމުގައެވެ.
"އެއްވެސް މީހަކު އެމީހެއްގެ ނުރުހުމުގައި ނުގެންދެވޭނެ،" އޭނާ ވިދާލުވިއެވެ.

ޔޫއެން އިން ހާމަކޮށްފައިވާ ގޮތުގައި، ބޭއޮފް ބެންގާލްގައި ވަކިން އޮންނަ ބަންގސާރ ޗާރު ނަމަކަށް ކިޔާ މިރަށުގެ ހާލަތު ދެނެގަތުމުގެ ފުރުސަތު އެފަރާތަށް މިހާތަނަށް ލިބިފައެއް ނުވެއެވެ. އަދި ރޮހިންގޔާ ދަރިކޮޅުގެ މީހުން މިރަށް ބަދަލު ކުރުމަށް ކުރެވޭ މަސައްކަތުގައި ޔޫއެންގެ އެއްވެސް އެހީތެރިކަމެއް މިހާތަނަށް ބަންގްލަދޭޝް ސަރުކާރުން ހޯދާފައި ނުވެއެވެ.
ބަންގްލަދޭޝް ސަރުކާރުން ބުނެފައިވަނީ، މިރަށަށް ބަދަލުކުރެވޭ ހުރިހާ މީހުންވެސް އެރަށަށް ގެންދެވެނީ އެމީހުގެ ރުހުމުގައި ކަމަށެވެ. އަދި ހާމަކޮށްފައިވަނީ، ބައެއް މީހުން މިރަށަށް ބަދަލު ކުރެވުމުން، މިހާރުވެސް 1 މިލިއަން ރޮހިންގޔާ ދަރިކޮޅުގެ މުސްލިމުން ދިރިއުޅެމުންދާ ކޯޒް ބާޒާރުގެ ކޭމްޕުގައި އުފެދިފައިވާ ތޮއްޖެހުން ވަރަށް ބޮޑުތަނުން ލުއިވެގެން ދާނެކަމަށެވެ.
އެހެންނަމަވެސް، ބައެއް ރެފިއުޖީންނާ އަދި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި މަސައްކަތް ކުރާ ބައެއް މީހުން ބުނެފައިވާ ގޮތުގައި، މީގެ އެންމެ 20 އަހަރުކުރިން ފެނުން މައްޗަށް އުފެދިފައިވާ މިރަށަށް ދިއުމަށް ބައެއް ރެފިއުޖީންނަށް މަޖުބޫރީ ހާލަތްތައް ކުރުމަތު ކުރުވާފައި ވެއެވެ.
ރޮހިންގޔާ ދަރިކޮޅުގެ އެތަކެއް މުސްލިމުން އެބުރި މިޔަންމާއަށް ފޮނުވުމަށް މިހާތަނަށް ކުރެއްވުނު އެތައް މަސައްކަތެއް ވަނީ، އަނެއްކާވެސް އެމީހުންނާ ދެކޮޅަށް އަނިޔާވެރި އަމަލް ހިންގަފާނެކަމުގެ ބިރަށް، ގައުމަށް އެބުރި ދިއުމަށް ދެކޮޅު ހަދާފައިވާތީ، ނާކާމިޔާބު ވެފައެވެ.