އިނގިރޭސިވިލާތަށް ދެން ދަތުރު ކުރެވޭނީ އިތުރު ހުއްދައެއް ނަގައިގެން

އިނގިރޭސިވިލާތަށް ދެން ދަތުރު ކުރެވޭނީ އިތުރު ހުއްދައެއް ނަގައިގެން

ދިވެހިން އިނގިރޭސި ވިލާތަށް ދަތުރު ކުރުމުގެ ކުރިން އިލެކްޓްރޯނިކް ޓްރެވެލް އޮތޮރައިޒޭޝަން (އީޓީއޭ) ނަގަން ޖެހޭ ގޮތަށް އިނގިރޭސި ވިލާތުގެ ސަރުކާރުން ނިންމުމާ ގުޅިގެން އެ ގައުމަށްދާ ދިވެހިން އެކަމަށް ސަމާލުވުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިނގިރޭސިވިލާތުގެ އިމިގްރޭޝަން ގަވައިދަށް ބަދަލުތައް ގެންނަން ނިންމައި އެކަން އަންގާފައިވާ ކަމަށެވެ.

އޭގެ މައިގަނޑު ބޭނުމަކީ އެ ގައުމުގެ ބޯޑަރު ކޮންޓްރޯލް ސެކިއުރިޓީ ޑިޖިޓަލައިޒްކޮށް އިތުރަށް ހަރުދަނާކޮށް، އިމިގްރޭޝަން ނިޒާމުގެ ނަހަމަ ބޭނުންކުރުން ހުއްޓުވައި އެ ގައުމަށް ވަނުމުގެ ކުރިން ސަލާމަތީ އިތުރު ފިޔަވަޅުތައް އެޅުން ކަމަށް، އިނގިރޭސި ސަރުކާރުން ހިއްސާކުރި މައުލޫމާތާ ހަވާލާދީ ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މި ބަދަލާ ގުޅިގެން އަންނަ ނޮވެމްބަރު 27، 2024 އިން ފެށިގެން ރާއްޖެ ހިމެނޭ ގޮތަށް 49 ގައުމެއްގެ މީހުންނަށް އީޓީއޭއަށް ރިކުއެސްޓް ކުރަން ޖެހޭނެއެވެ. އަދި އަންނަ ޖެނުއަރީ 8، އިން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރެވޭނީ އީޓީއޭ ހޯދުމަށް ފަހު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އީޓީއޭއެއްގެ އަގަކީ 10 ޕައުންޑެވެ. އީޓީއޭގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ. ކޮންމެ ދަތުރެއްގައި އެއްފަހަރާ ގިނަވެގެން 6 މަސް ދުވަހަށްވުރެ އިތުރުނުވާގޮތަށް ނުވަތަ ޕާސްޕޯޓް މުއްދަތު ހަމަވަންދެން އިނގިރޭސިވިލާތަށް މަލްޓިޕަލް ދަތުރުކުރުމުގެ ހުއްދަ ދެވޭނެއެވެ.

"އޭޕްރީލް 2، 2025 އިން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރާ އިނގިރޭސިވިލާތާއި އަޔަލެންޑުގެ ރައްޔިތުން ފިޔަވައި ހުރިހާ ގައުމެއްގެ ރައްޔިތުން ވެސް އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ ކުރިން އީޓީއޭއަށް ރިކުއެސްޓް ކުރަން ޖެހޭނެ ކަން ވެސް ފާހަގަކޮށްފައިވެ އެވެ." ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އީ.ޓީ.އޭ. އާބެހޭ އިތުރު މައުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

https://www.gov.uk/guidance/apply-for-an-electronic-travel-authorisation-eta

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *