ރިސޯޓުތަކުން ކުނި ނަގައިގެން 70 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށާއި ޓާގެޓަކީ އަންނަ އަހަރު %50 ރިސޯޓުގެ ކުނި ނެގުން ކަމުގައި ވެމްކޯއިން ބުނެފިއެވެ.
ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު ވިދާޅުވީ ރާއްޖޭގައި 172 ވަރަކަށް ރިސޯޓް އޮޕަރޭޓްކުރަމުންދާ އިރު ތިލަފުއްޓަށް އަންނަނީ އެކަށީގެންވާ އަދަދެއްގެ ކުނި ނޫން ކަމަށާއި، އެ ކުނިތައް އެހެން ތަންތަނަށް ދާ ކަމަށެވެ. އެހެންވެ ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހިތަނަކަށް ހެދުމަށްޓަކައި ފަތުރުވެރިކަމުގެ ނިޒާމުން އުފެދޭ ކުންޏަށް ވަކި ގޮތެއް ހޯދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ބައެއް ރިސޯޓްތަކުން ކުނި ނަގައިގެން ސީދާ ތިލަފުއްޓަން ނޫނީ ރީޖަނަލް ފެސިލިޓީޒް ތަކަށް ގެންދާ ކަމަށް މުޖުތަބާ ވިދާޅުވިއެވެ. އެގޮތުން ރ. އަތޮޅުގެ ރިސޯޓްތަކުން ކުނި ނެގުމުގެ މަސައްކަތް ވެމްކޯއިން މިހާރުވެސް ކުރަމުންދާ ކަމަށާއި، ހަމަ އެހެންމެ ސީދާ ވެމްކޯއިން ގޮސް ކުނިނަގައިގެން ތިލަފުއްޓަން ގެންދިއުމަށް އެހެން ރިސޯޓްތަކާއެކު ވެސް މި ހަފްތާގެ ތެރޭގައި ސޮއިކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މުޖުތަބާ ވިދާޅުވީ އަންނަ އަހަރުގެ މެދުތެރެއަށް އަންނައިރު ރާއްޖޭގައި ހުރި ރިސޯޓްތަކުގެ ތެރެއިން 50 ޕަސެންޓަށް ޓާގެޓް ގެންދިއުމަކީ ވެމްކޯގެ އަމާޒެއް ކަމަށެވެ.
އެހިސާބަށް ގެންގޮސްފިނަމަ ވެމްކޯގެ އާމްދަނީ ވަރަށް ބޮޑު ތަނުން އިތުރުވެގެންދާނެ ކަމަށާއި، 50 ޕަސެންޓް ކަވަރުކޮށްގެން 15 އިން 70 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އުންމީދުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރަށް ބަރޯސާ ނުވެ އެގޮތަށް މަސައްކަތްކޮށްފިނަމަ ހުރިހާ ހަރަދުތަކެއް ކަވަރުކުރެވޭނެ ކަމަށް ވެސް މުޖުތަބާ ވިދާޅުވިއެވެ.