ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންނާއި ގުޅޭގޮތުން ބަލަމުންދާ މައްސަލަތައް ބެލުމުގައި އިންތިހާއަށް ނުފޫޒު ވަދެ، ވަކި ބައެއްގެ މައްސަލަތައް ބެލުމަށް އިސްކަންދޭ އުސޫލު އާންމު ވެފައިވާކަމަށް ކްރިމިނަކް ކޯޓުގެ ކުރީގެ އިސްޤާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ޖޭއެސްސީން ސީރިއަސް ސުލޫކީ މައްސަލަތަކެއްގެ ތަހުގީގު ކުރަމުން އަންނަ ހދ. އަތޮޅުގެ މެޖިސްޓްރޭޓެއް ކަމަށްވާ އަލީ އާދަމަށް ހދ. ދާއިރާގެ އިސް މެޖިސްޓްރޭޓުގެ މަޤާމު ދިނުމަށް ޖޭއެސްސީން ނިންމި ނިންމުމަށް ފާޑުވިދާޅުވަމުން ހައިލަމް ވިދާޅުވީ ޖޭއެސްސީން ބަލާ މައްސަލަތަކުގައި އަސަރު ކުރަނީ ވަކި ބަޔަކަށް ކަމުގައެވެ.
ޖޭއެސްސީގައި މިހާރުވެސް އަހަރަކަށްވުރެ ގިނަ ދުވަސްވީ މައްސަލަތައް ހުރިއިރު، އެމައްސަލަތައް ވީހިސާބެއްވެސް އެގޭ މީހަކުވެސް މިއަދު ނެތްކަމަށެވެ. އަދި ޖޭއެސްސީން ބަލަމުންދާ މައްސަލަތަކުގައި ނުފޫޒު އިންތިހާއަށްވަދެ، ވަކި ގޮތަކަށް މައްސަލަތައް ނިންމައި، ވަކި ބައެއްގެ މައްސަލަތައް އަވަސްކޮށް ލަސްކުރަމުންދާކަމީ މިއަދު ފެންނަމުންދާ މަންޒަރުކަމަށެވެ.
ސުލޫކީ މައްސަލަަތަކުން އަސަރުކުރަނީ ވަކި ބަޔަކަށް. މިހާރުވެސް އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާ ސުލޫކީ މައްސަލަތައް ޖޭއެސްސީ ގައި އެބަހުރި. ނުފޫޒޫ ފޯރުވަން ޖެހިއްޖެނަމަ ކުރިއަށް ގެންދިޔުމަށްޓަކައި އެފަދަ މައްސަލަތައް ވަނީ މަޑުޖައްސާލެވިފައި.
– ހައިލަމް ވިދާޅުވިއެވެ.
ޖޭއެސްސީވަނީ މީގެ ކުރިން ބައެއް ފަނޑިޔާރުންނާއި ގުޅުން ހުރި މައްސަލަތައް 2 ދުވަހުންވެސް ނިންމާފައިވެއެވެ. އަދި ބައެއް ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް އެފަނޑިޔާރުން ސަސްޕެންޑްކޮށް، މައްސަލަތައް ނިމެންދެން ވަޒީފާއަށްވެސް ނުނިކުމެވޭ ގޮތް ހަދާފައިވެއެވެ. ސުލޫކީ ސީރިއަސް މައްސަަތަކެއްގެ ތުހުމަތު ކުރެވޭ ފަނޑިޔާރެއްގެ މައްސަކަ ބަލަމުންދާ ދަނޑިވަޅެއްގައި މައްސަލަ ނިމުނު ގޮތެއްވެސް ހާމަ ކުރުމެއްނެތި އެ ފަނޑިޔާރަށް ކުރިން ހުރި މަޤާމަށްވުރެ އިސް މަޤާމެއްދިނުމަކީ ޖުޑީޝަރީގެ މިނިވަންކަން އައިސްފައިވާ ގޮތާއިމެދު ގިނަ ބަޔަކު ސުވާލު އުފައްދާ ކަމެއްކަމަށެވެ.
ހދ. ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް ހަމަޖެއްސި ޢަލީ އާދަމްއާއި ގުޅޭގޮތުން ބަލަމުންދާ ސުލޫކީ މައްސަލައެއްގެ ތެރޭގައި ޖަމްޢިއްޔާއެއް އުފައްދާ އެ ޖަމްޢިއްޔާގެ ހަރަކާތްތައް ރާވާ ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވާކަމަށް ބުނާ މައްސަލައަކާއި ތަފްރީޤުކޮށްފައިވާ ކައިވެންޏެއް ރުޖޫޢަކޮށްދިން ކަމަށް ބުނާ މައްސަލައަކާއި، މުޒާހަރާތަކުގައި ބައިވެރިވެ ޝުޢޫރު ފާޅުކޮށް ސޯޝަލް މީޑިއާގައި ފަނޑިޔާރަކު ހިއްސާކޮށްގެން ނުވާނެފަދަ ޚިޔާލުތައް ފާޅުކުރާކަމަށް ބުނާ މައްސަލައެއްކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ