ކުރީގެ ޗީފް އޮފް ޑިފެންސްފޯސްގެ މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ނިންމެއްގެ މައްޗަށް ބިނާކޮށް ބޭއިސްސާފު ދައުވާއެއް ކަމުގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ކުރީގެ ޗީފް އޮފް ޑިފެންސްފޯސްގެ މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ބައްފަ ދިރިއުޅެމުންދިޔަކަމަށް ބުނާ މައްސަލަ ތަޙްޤީޤުކޮށް ނިންމައި، ދައުވާ ނުކުރަން ނިންމާފައިވާ މައްސަލައެއް އަލުން ރިވިއުކޮށް ދައުވާ އުފުލަން ފޮނުވާފައިވާ މައްސަލާގައި ސިފައިން ގޭގައިވެސް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވީ މިއީ ޖެނެރަލް ޝިޔާމް ގެ މައްޗަށް ކުރައްވައިގެން ނުވާނެ ދަޢުވާ އެއްކަމަށެވެ. ސިފައިންގޭގައި ޒަމާނުއްސުރެ އޮންނަ އުސޫލުން، ސިފައިންގޭގެ މަތީ މަޤާމް ތަކުގައި ތިއްބަވާ ބޭފުޅުން ގެ ޢާއިލާ ތަކަށް ސިފައިންގޭގެ މިފަދަ ވަސީލަތްތައް ބޭނުން ކުރެއްވުމުގެ ހުއްދަ އޮންނަކަމަށް އުމަރު ވިދާޅުވިއެވެ. އަދި ސިފައިންގެ ޚިދުމަތަކީ ދައުލަތުގެ އެހެނިހެން ޚިދުމަތް ތަކާ ތަފާތު އިނާޔަތްތަކަކާ ރައްކާތެރިކަމެއް ލިބިގެންވާ ޚިދުމަތެއްކަމަށެވެ. މިއީ މުޅި ދުނިޔޭގައިވެސް މިކަން އޮންނަ އުސޫލުކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އޭސީސީންވެސް އަދި ތަހުގީގީ އެހެން އިދާރާތަކުންވެސް މިއަދު ދައުވާ އުފުލުމުގައާއި، ތަހުގީގް ކުރުމުގައި ހަމަހަމަ ކަމާއި، އިންސާފާއިއެކު ކަންކަން ބެލުމުގެ ރޫހު ގެއްލިފައިވާކަމަށެވެ. ވަކި މީހެއްގެ މައްސަލަތައް ނުބަލައި ބޭއްވުމަށްފަހު ވަކި މީހެއްގެ ނޫނީ ވަކި ބައެއްގެ މައްސަލަތަކެއް ނަގައިގެން ބައްލަވަން މަސައްކަތް ކުރައްވާތަން ފެންނަކަމަށެވެ. އެގޮތުން މަޖިލިސް ރައީސް ކުރެއްވި ދަތުރެއްގައި ދައުލަތުގެ ބަޖެޓުން ކުރެއްވި ހޭދައަކީވެސް ކޮރަޕްޝަނަކަށްވާއިރު އެމައްސަލާގައި ދައުވާ ނުކުރަން ނިންމި ނިންމުމަކީވެސް އިންސާފެއް ނޫންކަމަށް އުމަރު ވިދާޅުވިއެވެ.
މި ފަދަ ކުދިކުދި ކަންކަމުގައި ޤައުމުގެ އެންމެ މަތީ ޚިދުމަތްތެރިންނަށް މިފަދަ ދަޢުވާ ކުރުމީ މުޅި ދައުލަތް ރޫޅި، ދައުލަތުގެ ހައިބަތު ކުޑަވާ ކަމެއް. ރައްޔިތުންގެ މަޖްލިސް ގެ ރައީސް، އެމަނިކުފާނުއަތޮޅު ތެރެއަށް ކުރެއްވި ދަތުރުފުޅެއްގައި މަޖްލިސް ގެ ބަޖެޓުން އަމިއްލަ ޚަރަދެއް ހަމަ ޖެއްސެވި ކަމަށް އޭ،ސީ،ސީ އަށް ހުށަހެޅުނު މައްސަލަ ނިމުނީ ދަޢުވާ އެއް ކުރުމެއް ނެތި އެ ފައިސާ އަބުރާ ދެއްކުމަށް އަންގަވައިގެން. މިއީ މިފަދަކަންކަން ނިންމަވަން ޖެހޭނެ ގޮތެއް. ނަމަވެސް ޖެނެރަލް ޝިޔާމް އާއިމެދު މި ނިންމެވީ ދަޢުވާ ކުރުމަށް ފޮނުއްވުމަށް. މިއީ ހަމަހަމަ ކަން ގެއްލިފައިވާ ބޭއިންސާފު، ސިޔާސީ ނިންމުމެއް ކަން ޔަގީން.
– އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ޖެނެރަލް ޝިޔާމް މި ޤައުމަށް އަގުނުކުރެވޭފަދަ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނުގެ އަގު ނުކުރެވޭ ޚިދުމަތްތަކަކީ މިޤައުމަށް ނުހަނު ބޭނުންތެރި އަގުހުރި ހިދުމަތްތަކެއްކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ. މޭޖާ ޝިޔާމްއަށް ދައުވާ އުފުލުމުން ގިނަ ބަޔަކު ވަނީ މިކަމަށް ފާޑުވިދާޅުވެ، މިނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި މިއީ ސިޔާސީ ވާދަވެރިކަމެއްގައި ނަމަވެސް ކޮށްގެން ނުވާނެ، ކަމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ