ވ. އާރަށް ކުއްޔަށްދިނުމުގެ މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ދިނުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކުރިއިރު، ހައި ކޯޓުން ކުރި ހުކުމްގައި ބަޔާންކޮށްފައިވާ، އާ ހެކިތައް ކުރިމިނަލް ކޯޓުން ބަލައިގަތްގަތުން ހައިކޯޓުން ބާތިލް ކުރި ކުރުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
އާރަށުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލީ މަނީ ލޯންޑަރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދަޢުވާގައި ބުނެފައިވަނީ ޓުއަރިޒަމް މިނިސްޓްރީއާއި، އެމްއެމްޕީއާރްސީ މެދުވެރިކޮށް، ރިސޯޓް ހެދުމަށް ވ.އާރަށް ކުއްޔަށް ނެގުމުގެ މުޢާމަލާތުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސްޔަތުން، ރައީސް ޔާމީން މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަންގަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.
އަދި، ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަކީ އެ މައްސަލާގައި ޔާމީނަށް ރިޝްވަތު ދިން ކަމަށް ތުހުމަތުވާ ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމްއާ ދެމެދު ހިންގާފައިވާ ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއްކަން ސާބިތުކުރުމަށް ދިފާއީ ހެކިތަކެއް ދަށު ކޯޓުގައި ހުށަހެޅިއެވެ.
އެގޮތުން އެ ހެކިތައް ނަފީ ކުރަން ދައުލަތުގެ ފަރާތުން އެ މައްސަލާގައި އާ ހެކިތަކެއް ހުށަހެޅިއިރު، ދައުލަތުގެ ހުށަހެޅުންތައް ކްރިމިނަލް ކޯޓުން ވަނީ ބަލައިގެންފައެވެ.
އެހެންނަމަވެސް، ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން ހައި ކޯޓުން ނިންމީ، ކްރިމިނަލް ކޯޓުން ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތައް ބަލައިގެންފައިވަނީ ގޯސްކޮށް ކަމަށެވެ. އެހެންކަމުން، އެ ހެކިތަކަށް ރިއާޔަތް ނުކޮށް ޔާމީންގެ މައްސަލަ އަލުން ބަލަން ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓަށް އަންގާފަ އެވެ. އެއާއެކު އެމައްސަލާގެ ހުކުމުން އޭރު ޔާމިން ސަލާމަތް ވެފައި ވެއެވެ. އަދި އެއަށްފަހު ކުރިމިނަލް ކޯޓުން އެމައްސަލަ އަލުން ބަލަން ފަށާފައެއް ނުވެއެވެ.
ހައި ކޯޓުގެ ނިންމުމުގައި، ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތައް އެއްފަރާތްކުރުމަށް ނިންމާފައިވާ ބައި ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ޕީޖީ އޮފީހުން ހުށަހެޅީ މިދިޔަ ބުދަ ދުވަހު އެވެ. އެކަމާ ބެހޭ ގޮތުން ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން ކްރިމިނަލް ކޯޓުން އަލުން ބަލަން އަންގާފައިވާ މި މައްސަލާގައި އެ ހެކިތައް ބަލައިގަތުމަށް ދަށު ކޯޓުން ނިންމި އިޖުރާއަތަކީ މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު އިސްލާހު ކުރެވިދާނެ އިޖުރާއަތެއްކަމަށް ބަޔާން ކޮށްފައި ވެއެވެ. އަދި އެ ހެކިތައް އެއްފަރާތްކުރުމަށް ހައިކޯޓުން އެންގި އެންގުން، ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ އަރާރުންވާކަމަށްވެސް ޕީޖީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ޕީޖީ އޮފީހުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ، އެ ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށެވެ. އަދި މައްސަލައިގައި އަލުން ގޮތެއް ކަނޑައެޅުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ހުށަހެޅި ހެކިތަކާ ގުޅިގެން، ދިފާއުން ހުށަހެޅުމެއް އޮތްނަމަ ހުށަހެޅުމުގެ ފުރުސަތު ދިނުމަށްވެސް އެދިފައި ވެއެވެ.
ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ މައްސަލައިގެ ހެކިތަކާ ގުޅޭ ބައި އެކަންޏެވެ. މި އިސްތިއުނާފުގެ ސަބަބުން، މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައެޅުމަށް ހައި ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށް ޕީޖީން ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ