މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމުގެ މަގާމުން އަލީ ހާޝިމް ވަކި ކުރައްވައި، އަދި އެ މަގާމަށް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު މުނައްވަރު އައްޔަން ކުރެއްވުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެމްއެމްއޭގެ ގަވަރުނަރު ހާޝިމް ވަކި ކުރުމަށް ރައްޔިތުންގެ މަޖިލިހުން ރައީސް ޑރ. މުއިއްޒަށް މަޝްވަރާ ދެއްވާފައިވާތީ އެ މަގާމުން ހާޝިމް ވަކި ކުރައްވާފައިވާ ކަމަށެވެ.
އަދި އެމްއެމްއޭގެ ގަވަރުނަރު ކަމަށް މުނައްވަރު ހަމަޖެއްސެވުމާ މެދު އެމްއެމްއޭގެ ގާނޫނުގެ ދަށުން ރައީސް ޑރ. މުއިއްޒު، މިއަދު މަޖިލިހުގެ މަޝްވަރާއަކަށް އެދިވަޑައިގެން އެ މަޖިލިހަށް ހުށަހަޅުއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މުނައްވަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. މުނައްވަރު މިހާރު ހުންނެވީ އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމުގަ އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި ގަވަރުނަރު ހާޝިމް ވަކި ކުރުމަށް ރައީސް ޑރ. މުއިއްޒަށް ލަފާ އަރުވަން ފާސްކުރީ 63 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ވޯޓުގައި ގަވަރުނަރު ވަކިކުރުމާ ދެކޮޅަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ.
މާލިއްޔަތު ކޮމިޓީއަށް މައްސަލަ ހުށަހެޅުއްވި މަޖިލިސްގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ގަވަރުނަރު ވަކިކުރަން ލަފާ ދެނީ ގައުމުގެ އިގުތިސޯދު ހީނަރުވެ، އަލުން އަނބުރާ އިއާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު، އެމްއެމްއޭއިން މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިންގަމުންދާ ތަން ނުފެންނާތީ ކަމަށް ވިދާޅުވެފަ އެވެ.
ގަވަރުނަރު ވަކިކުރުމަށް ހުށަހެޅި މައްސަލައާ ގުޅިގެން ކޮމިޓީން ސުވާލުކުރުމަށް އަލީ ހާޝިމް ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް ތިން ފަހަރެއްގެ މަތިން އެންގި ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ މީގެން އެއްވެސް ދުވަހަކު ހާޒިރުވެ ވަޑައިނުގަންނަވަ އެވެ.