އޭސީސީއާއެކު ހަދާފައިވާ އެސްކްރޯ އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރުގެ މައްސަލާގައި ބީއެމްއެލްގެ މައްޗަށް ދައުވާ ނުކުރެވޭނެކަމަށް އެބޭންކުން ކޯޓުގައި ބުނެފިއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކު އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރު ހަވާލުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދުމުން ރައީސް ޔާމީން އެއްބަސްވެވަޑައިގަތީ އެ މަނިކުފާނާއި އޭސީސީ ހިއްސާވާ ގޮތަށް އެސްކްރޯ އެކައުންޓެއް ހުޅުވައި 2018 ގައި އެ ފައިސާ ހަވާލުކުރުމަށެވެ.
ނަމަވެސް، އެއީ އޭސީސީއާ ހަވާލުކުރަން ޖެހޭ ފައިސާއެއް ނޫން ކަމަށް އޭރު ވެސް ޔާމީން ވިދާޅުވެފައިވެއެވެ.
މީގެކުރިން ޔާމީން ވިދާޅުވީ، އެސްކްރޯ އެކައުންޓްގައި ހުރި ފައިސާއަކީ އެމަނިކުފާނަށް ސިޔާސީ މަސައްކަތްކުރަން ލިބިވަޑައިގެންނެވި ފައިސާކަމަށެވެ. އެއީ ޤާނޫނާއި ޚިލާފަށް ހޯއްދެވި ފައިސާއެއް ނޫންކަން ތަކުރާރުކުރައްވާ ޔާމީން ވިދާޅުވެފައިވަނީ، އެސްކްރޯ އެކައުންޓް ހުޅުވީ އެއް އަހަރުގެ ތެރޭގައި އެ ފައިސާއަކީ ދައުލަތުގެ ފައިސާ ކަމަށް އޭސީސީ އަށް ނުނިންމިއްޖެ ނަމަ، އަނބުރާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރަން ޖެހޭގޮތަށްކަމަށެވެ.
ނަމަވެސް އޭގެ އެތައް އަހަރެއް ފާއިތުވިނަމަވެސް އެފައިސާ އަނބުރާ ޖަމާކޮށްފައިނުވާކަން ޔާމީން ވިދާޅުވަމުން ގެންދަވާފައި ވެއެވެ.
ބޭންކުން މިއަދު ހައިކޯޓުގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަމުންދާތީ އޭސީސީއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި އެސްކްރޯ އެކައުންޓެއްގައި ޔާމީންގެ ފަރާތްޕުޅުން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައި، ބޭންކާ ދެކޮޅަށް ދައުވާ ނުކުރެވޭނެ ކަމުގައެވެ.
ސިވިލް ކޯޓުގައި ޔާމިން ދައުވާކޮށްފައިވަނީ، އެ ފައިސާ މިހާތަނަށް ވެސް ދޫނުކުރާތީ އެ ފައިސާ އަނބުރާ ހޯދުމަށާއި ގެއްލުމުގެ ބަދަލު ހޯދުމަށެވެ. ޔާމީންގެ ފަރާތްޕުޅުން ސިވިލް ކޯޓުގައި ދައުވާކުރީ ބޭންކާއި އޭސީސީއާ ދެކޮޅަށެވެ.
ބޭންކުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ބޭންކުން ހައި ކޯޓު މަރުހަލާގަ އިޖްރާއީ ނުކުތާ ނެގިނަމަވެސް، ބޭންކާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމުމުން ބޭންކުން ދިޔައީ ހައިކޯޓަށެވެ.
ހައި ކޯޓުގެ މިއަދުގެ އަޑުއެހުމުގައި ބޭންކުގެ ވަކީލުން ވިދާޅުވީ އެއްބަސްވުން ހެދީ ޔާމީނާއި އޭސީސީއާ ދެމެދު ކަމަށާއި އެ ބޭންކަކީ އެ ކޮންޓްރެކްޓްގައި ނުހިމެނޭ ބައިވެރިއެއް ކަމަށެވެ. އެހެންކަމުން ކޮންޓްރެކްޓަކާ ގުޅިގެން ދައުވާ ނުކުރެވޭނެ ކަމަށް ކޯޓުތަކުން ކުރިން ނިންމާފައިވާކަން ފާހަގަކޮށް، އެކަމަކީ އިޖްރާއީ ނުކުތާއެއް ނެގި ނަމަވެސް އިބްތިދާއީ މަރުހަލާގައި ގޮތެއް ނިންމަން ޖެހޭ ކަމެއްކަމަށްވެސް ބޭންކުގެ ވަކީލުން ވިދާޅުވެފައި ވެއެވެ.
ބޭންކުން ބުނެފައިވަނީ ބޭންކުގެ އެކައުންޓުތަކުގައި ހުންނަ ފައިސާއަކީ އެކައުންޓުގެ ވެރިފަރާތުގެ ހުއްދަ ނެތި އެހެން ފަރާތަކަށް ދޫ ނުކުރެވޭ ފައިސާއަކަށް ވާތީ މިމައްސަލާގައި ބޭންކުގެ މައްޗަށް ދައުވާ ނުކުރެވޭނެކަމަށް ކަނޑައަޅާ ދިނުމަށެވެ.
ކޮމެންޓު ފޮނުވާ