ގަވާއިދާއި ހިލާފަށް ވިޔަފާރި ކުރަމުންދިޔަ އިތުރު 6 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިކަން ހާމަކޮށް އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި އިމިގްރޭޝަންއިން ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، ރޭ ވަނީ މާލޭގައި ޓޭކްއަވޭ/ކެފޭ ހިންގަމުންދާ 3 ތަނަކާއި 2 ފިހާރައާއި ކާބޯތަކެތި ޑެލިވަރީ ކުރަމުންދާ ތަނެއްގެ އިތުރުން 1 ފިހާރަ ބަލައި ފާސްކޮށްފައިކަމަށެވެ.
މި އޮޕަރޭޝަނުގައި ބިދޭސީ 6 ފިރިހެނުން ހިފަހައްޓަފައިވާކަމަށް ބުނިއެވެ.
ހޯމް މިނިސްޓްރީގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ވިދާޅުވީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން މިހާތަނަށް 2،013 ބިދޭސީން ޑީޕޯޓުކޮށްފައިވާކަމަށެވެ.
މިދިޔަ ހަފްތާއިން ފެށިގެން ފުޅާ ދާއިރާއެއްގައި އިމިގްރޭޝާންއިން ހާއްސަ އޮޕަރޭޝަން އެބަ ކުރިއަށް ގެންދާކަމަށް ޝައްމާން ވިދާޅުވިއެވެ. މި އޮޕަރޭޝަންތައް ޚާއްސަ ކުރެވިފައި ވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ރާއްޖޭގައި އަމިއްލަ ވިޔަފާރި ކުރާ ފަރާތްތަކާއި، އަމިއްލައަށް ދިވެއްސަކާއި ނުގުޅި މި ވިޔަފާރީގައި އިންވޯލްވެގެންދާ ފަރާތްތަކަށްކަމަށް ވިދާޅުވިއެވެ.
ޝައްމާން ވިދާޅުވީ މީގެ ތެރޭގައި އެހެން މައްސަލަތަކުގައި ޝާމިލުވާ މީހުންވެސް ހިމެނޭކަމަށެވެ. މާރުކޭޓް ގޮޅިތަކުގައި ބިދޭސީއިން ތިބޭ މައްސަލަ ވަރަށް ގާތުން ބަލަމުން ދާކަމަށް ޝައްމާން ވިދާޅުވިއެވެ.
ބައެއް ތަންތަން ބެލުމަށްފަހު މި އޮޕަރޭޝަން ހުއްޓާނުލާނެކަމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންގޮސް ނަތީޖާ ނެރެދެއްވާނެކަމަށް ޝައްމާން ވިދާޅުވިއެވެ.