ކުރީގެ ޑިފެންސް ޗީފް، ޝިޔާމްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

ކުރީގެ ޑިފެންސް ޗީފް، ޝިޔާމްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

Author
މުޙައްމަދު ޝަޒައިމް
23 ޑިސެމްބަރ 2020 02:56
0

ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގައި، 2017 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް (އެމް.އެން.ޑީ.އެފް)ގެ ކުރީގެ ޗީފް އޮފް ޑިފެންސްފޯސްގެ މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ބައްފަ ދިރިއުޅެމުންދިޔަކަމަށް ބުނާ މައްސަލަ ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލާގައި ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މޭޖާ ޝިޔާމްގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513ވަނަ މާއްދާގެ (ށ)ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވ.

މި މައްސަލާގައި އޭސީސީން ބުނެފައިވަނީ އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި 18 ޖުލައި 2017 އިން 11 ޑިސެންބަރު 2018 ގެ ނިޔަލަށް، އެމް.އެން.ޑީ.އެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް (ރޓޑ) އަޙްމަދު ޝިޔާމުގެ ބައްޕަ ދިރިއުޅެފައިވާކަމަށެވެ. އެގޮތުން، އެމް.އެން.ޑީ.އެފްގެ މަރުކަޒެއްކަމަށްވާ އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި މީހުން ބޭތިއްބުމުގައި ޢަމަލުކުރާނެ ވަކި ޚާއްސަ އުޞޫލެއް ނެތްނަމަވެސް، އެމް.އާރު.ސީ.ސީގެ ޢިމާރާތުގައި ހުރި ތަންތަނަކީ ސިފައިންގެ ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ޢަމަލުކުރެވޭ ތަންތަން ކަމަށްވާތީ، އެމް.އާރު.ސީ.ސީއަށް ހިނގާ އުޞޫލު އެތަނުގެ ވީ.އައި.ޕީ ގެއަށްވެސް ހިނގާނެކަން ފާހަގަކުރެވެއެވެ. އެހެންކަމުން، އެމް.އާރު.ސީ.ސީގައި އާންމުންނަށް ދިރިނޫޅެވޭ އުޞޫލުން ވީ.އައި.ޕީ ގޭގައި އާންމުންނަށް ދިރިނޫޅެވޭނެކަން އެނގޭކަމަށެވެ.

ވީ.އައި.ޕީ ގެއަކީ ސިފައިންގެ އެކިއެކި ބޭނުންތަކަށާއި، ސިފައިންގެ ޚިދުމަތްތަކަށް އަންނަ ޚާއްސަ ފަރާތްތައް ވަގުތީ ގޮތުން މަޑުކޮށްގެން ތިބުމަށް ބޭނުންކުރާ ތަނަކަށްވާއިރު، ދަޢުލަތުގެ މާލިއްޔާއިން ޚަރަދުކުރާ ތަނެއްގެ އިސް މަޤާމުތަކުގައި ތިބޭ ފަރާތްތަކުން، މަޤާމުގެ ނުފޫޒު ބޭނުންކޮށް އެތަނެއްގެ ވަޞީލަތްތައް އެ ފަރާތެއްގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރެވޭނެ ކަމަށް ދެކޭ ދުވަސްވީ ސަގާފަތެއް ދަޢުލަތުގެ މުއައްސަސާއެއްގެ ތެރޭގައި އޮތުމަކީ އެ ޢަމަލު ހުއްދަކުރާނެ ނުވަތަ ކޮރަޕްޝަން ހުއްދަވާނެ ކަމެއް ނޫންކަމަށް އޭސީސީން ބުނެއެވެ.

އަދި އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި ދިގު މުއްދަތަކަށް އެމް.އެން.ޑީ.އެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް (ރޓޑ) އަޙްމަދު ޝިޔާމުގެ ބައްޕަ، ދިރިއުޅެފައިވާތީއާއި، އަޙްމަދު ޝިޔާމްގެ ބައްޕަ ބެލެހެއްޓުމަށް އެމް.އެން.ޑީ.އެފްގައި ކުރިން މަސައްކަތްކުރި ފަރާތެއް އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި ދިރިއުޅެފައިވާކަން ތަޙުޤީޤަށް އެނގިފައިވާކަމަށެވެ. މީގެއިތުރުން، އަޙްމަދު ޝިޔާމްގެ ބައްޕަ އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި ހުރެފައިވަނީ އަޙްމަދު ޝިޔާމް އަންގައިގެންކަމާއި، ތަޙުޤީޤަށް ހޯދާފައިވާ ލިޔުންތަކުން އަޙްމަދު ޝިޔާމްގެ ބައްޕަ ސިފައިންގެ މަރުކަޒެއްގައި ދިރިއުޅުން ހުއްދަކުރާ ޤާނޫނެއް، ޤަވާއިދެއް ނުވަތަ އުޞޫލެއް ނެތުމުން އޭނާ އެތަނުގައި ދިރިއުޅޭނެ ހައިޞިއްޔަތެއް ނެތްކަން ފާހަގަކުރެވިފައިވާކަމަށެވެ.

އޭގެއިތުރުން، ސިފައިންގެ ޤާނޫނުގައި ބަޔާންކުރާ ސިފައިންގެ ވާޖިބާއި މަސްޢޫލިއްޔަތު އަދާކުރުމުގެ ގޮތުން އާންމު ފަރުދުންނަށް ފޯރުކޮށްދެންޖެހޭ ޚިދުމަތެއް ފޯރުކޮށްދިނުން ފިޔަވައި، ސިފައިންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން އާންމު ފަރާތެއް ބެލެހެއްޓުމަށް ސިފައިންގެ އޮފިސަރެއް ހަމަނުޖެއްސޭނެކަން އެނގޭކަމަށާއި، ނަމަވެސް، އަޙްމަދު ޝިޔާމްގެ އެންގުމުގެ މަތިން، ސިފައިންގެ އޮފިސަރެއް އަޙްމަދު ޝިޔާމްގެ ބައްޕަ ބެލެހެއްޓިކަން ތަޙުޤީޤަށް ހޯދާފައިވާ ލިޔުންތަކުންނާއި ލިބިފައިވާ މަޢުލޫމާތުން އެނގިފައިވާތީއާއި، އެމް.އާރު.ސީ.ސީގެ ވަސީލަތްތަކާއި ޚިދުމަތްތައް އަޙްމަދު ޝިޔާމްގެ ބައްޕައަށް ބޭނުންކުރެވޭގޮތަށް އޮތުމުން، އޭނާއަށް ލިބެން ނުޖެހޭ މަންފާތަކެއް ލިބިފައިވާކަމަށް އޭސީސީން ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.