އެމްޕީއެލް ޕޯޓު ބޭރުބަޔަކަށް ވިއްކާލުމުން އެޕޯޓަށް ދިވެހި ސިފައިންގެ ބާރު ނުހިގާނެ ކަމަށާއި، އެ ބަނދަރުތަކުން މަސްތުވާތަކެއްޗާއި އަދި ނޫންވެސް އެފަދަ ތަކެތި ރާއްޖެއަށް އެތެރެ ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެކަމުގައި ކުރީގެ ރައީސް ޔާމިން ވިދާޅުވެއްޖެއެވެ.
ޔާމިންގެ އަމިއްލަފުޅު ޕާޓީ ޕީއެންއެފްގެ ޖަގަހާގައި އޮތް ޖަލްސާގައި ނޫސްވެރިން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ޔާމިން ވިދާޅުވީ އެމްޕީއެލް ބޭރުގެ ބަޔަކަށް ވިއްކާލުމަކީ ނަޝީދުގެ ވެރިކަމުގައި ބޭރުބަޔަކަށް ޖީއެމްއާރު ވިއްކާލުމާއި އެއްވަރުގެ ކަމެއް ކަމަށާއި، އެއީ ކުރަން ހެޔޮނުވާވަރު ކަމެއް ކަމުގައެވެ. އެގޮތުން ޔާމިން ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި ޖީއެމްއާރަށް އެއަރޕޯޓު ވިއްކާލުމުން ރާއްޖޭގެ އެއަރޕޯޓަށް އޭރުވެސް ސަލާމަތީ ބާރުތަކަށް ވަދެވިފައި ނުވާކަމުގައެވެ.
ޔާމިން ވިދާޅުވީ ފިލިޕީންސް ކުންފުންޏަކަށް ޕޯޓު ހިންގުން ހަވާލުކޮށްފި ނަމަ، އެތަން ހިންގާ ފިލިޕީންސްގެ މީހުންނަކީ ދިވެހިންގެ އަގީދާއާއި ގުޅުންހުރި ބައެއް ނޫންކަމަށާއި، އެ ޕޯޓުގައި މަސްތުވާތަކެތި ގެންގުޅުމުން އެމީހުން ކަންބޮޑުވާންޖެހޭ ސަބަބެއްވެސް ނޯންނާނެ ކަމުގައެވެ. އަދި އެތަނުގައި ފުލުހުންނަށްވެސް ސުލްހަ ގާއިމް ނުކުރެވޭނެކަމުގައިވެސް ޔާމިން ވިދާޅުވިއެވެ.
އެހެންކަމުން ރާއްޖޭގެ ޕޯޓު ބޭރުބަޔަކަށް ދޫކޮށްލުމެކޭ ވައިގެ ބަނދަރު ބޭރުބަޔަކަށް ދޫކޮށްލުމެކޭ އެެއްވެސް ތަފާތެއް ނެތްކަމުގައި ޔާމިން ވިދާޅުވިއެވެ.
ޔާމިން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައިވެސް ޕޯޓު ހޯދުމަށް ދުބާއީގެ ކުންފުންޏަކުން އައި ކަމަށާއި، އެހެންނަމަވެސް އެކަން ކުރައްވަން އެމަނިކުފާނު ބޭނުންފުޅު ނުވީކަމުގައެވެ.