ރާއްޖޭގެ މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދި، މަސްވެރިން ނިކަމެތިވެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސޭނެ ގޮތްވެސް ނެތި އަޑު އަފުލުމުން އެކަންކަން އަޑުއަހާލާނެ ކަންފަތެއް އަދި ހައްލުކޮށްދޭނެ ފަރާތެއް މިއަދު ނެތްކަމުގައި އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިމަހުގެ އެކި ދުވަސްތަކުގައި މަސްވެރިން މަހަށް ނުގޮސް ކަނޑުމަތީގައާއި، ފެލިވަރުގައި ކޮށްފައިވާ އިޚްތިޖާޖުތަކާއި ގުޅިގެން ޝިޔާމް ވިޅުވީ މަސްވެރިންގެ ސިނާއަތަކީ ރާއްޖޭގެ އެންނެ ގިނަ ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ ސިނާއަތްކަމުގައެވެ. އެތައް ހާސް އާއިލާއެއް ދިރިއުޅުމުގެ އެންމެހައިކަންކަން މަސްވެރިކަމުން ލިބޭ ފައިސާއިން ހަމަޖައްސަމުންދާއިރު، މިއަދު މަސްވެރިންނާއިދޭތެރޭގައި ސަރުކާރުން ވަރަށް ބޮޑަށް އިހުމާލު ވެފައިވާކަމަށެވެ.

މަސްވެރިން ރެއާއި ދުވާލު ބާނާ މަހަށް ހަމަ އަގުނުލިބޭތާގައި، ބާނާމަހަށް ފައިސާ ދިނުމުގެ ބަދަލުގައި ޗިޓުދޭ އުސޫލަކަށް ނިޒާމު ބަދަލުކޮށް މަސްވެރިން އިތުރަށް ނިކަމެތިކޮށްފައިވާކަމަށެވެ. އަދި އިއްޔެވެސް މަސްވެރިން12 ގަޑިއިރުވަންދެން ފެލިވަރުގައި މުޒާހަރާކޮށް އަޑު އުފުލާފައިވާއިރު މަސްވެރިންނާއި ބައްދަލުކޮށްލަން ކެރުނު މިސަރުކާރުގެ ވެރިއަކު ނެތްކަމަށް ޝިޔާމް ވިދާޅުވިއެވެ. ނަމަވެސް ވެރިކަމަށް އައުމަށް މަސްވެރިންގެ ތާއީދު ހޯދުމަށް އޭރު މިސަރުކާރުގެ ވެރިން ދޯނި ތަކުން ނުފައިބާކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޑިސެމްބަރު މަހަކީ މަސްވެރިންގެ މަހެއް. ދިވެހި މަސްވވެރިކަމުގެ ސިނާއަތަކީ ކިހާ މުހިންމު ސިނާއަތެއްކަން އޮޅޭނެ ދިވެހި ރައްޔިތެއްނެތް. މިއަދު މިއަޑު އިވެނީ މި ސިނާއަތުގައި ތިއްބެވި ބޭފުޅުން ނިކަމެތިވަމުންދާތަން. އިއްޔެ މަސްވެރިން ކޮށްފައިވަނީ ސިޔާސީ މަސައްކަތެއްނޫން. އެއީ ޤައުމީ މަސައްކަތެއް. 12 ގަޑިއިރު ވަންދެން 25 އަށްވުގެ ގިނަ ދޯނީގައި އަޑު އުފުލުމުން، އެއަޑު އަހާލަންކެރުނު ވެރިއެއްވެސް ނެތް. މިބޭފުޅުން ވެރިކަމަށް އައުމަށް އޭރު ދޯނިތަކުން ނުފާބާ. މިއީތޯ އޯގާތެރިކަމަކީ.
– ޝިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިސަރުކާރުން ވެރިކަމަށް އައީ މަސްވެރިންނަށް މަހުން ލިބޭ މަންފާ ބޮޑުކޮށް މަހުގެ އަގު 35 ރުފިޔާއަށް ބޮޑު ކޮށްދޭނެކަމަށް ވައުދު ވެގެންކަމަށެވެ. ނަމަވެސް މިއަދު 11 ރުފިޔާއަށް ވެސް ނުލިރޭކަމީ ފެންނަން އޮތް ހަގީގަތްކަމަށެވެ. މަސްވެރިން ބޭނުންވަނީ ވައުދުވީ ވަރަކަށް މިސަރުކާރަށް އެ އަގު މައްޗަށް ޖައްސާ ނުލެވުނުކަމުގައި ވީނަމަވެސް 20 ރުފިޔާއަށް އަގު ހިފެހެއްޓުމަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ކަޅުބިލަމަސް 35 ރުފިޔާއަށް ޖައްސާނެކަމަށް ރައީސް ޞާލިހު ވިދާޅުވި. މަސްވެރިންނަށް ފައިސާދޭނީ ޑޮލަރުންނޭ ވިދާޅުވި. މިއަދު މަސްވެރިން ވިދާޅުވަނީ ޑޮލަރު ނުދިނަސް ބާނާމަސްކޮޅު ކިރާލާ ފައިސާ ދެއްވާށޭ. މިއަދު މަސްވެރިން ވިދާޅުވަނީ ބާނަމަސްކޮޅު 20 ރުފިޔާއަށް ނަމަވެސް ގަންނާށޭ.
– ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މަސްވެރިން މިއަދު މިހާލުގައި ޖެއްސީ އެމްޑީޕީން ކަމަށެވެ. ރާއްޖޭގެ ތާރީހުގައިވެސް އެއްވެސް ވެރިކަމެއްގައި މަސްވެރިން ނިކަމެތި ނުވާ މިންވަރަކަށް މިއަދު ނިކަމެތިވެ ހާލުގައި ޖެހެމުންދާއިރު، މިސަރުކާރުން މިކަމަށް ބީރު ކަންފަތެއް ދެމުންދާކަމީ، މަސްވެރިންނާއިމެދު މިސަރުކާރުގެ ޝައުގުވެރިކަމެއް ނެތްކަން ހާމަވާކަމެއްކަމަށެވެ. ނަމަވެސް މަސްވެރިންނަކީ ޤައުމުގެ ކަންކަން ނިންމުމުގައި ކިހާ މުހިންމު ބައެއްކަން އިންތިޚާބުތަކުގައި ހާމަވާ ކަމަށާއި، މަސްވެރިން ދެނެއް އެމްޑީޕީގެ ކުލަ ހުވަފެންތަކަމަށް އިޖާބަ ނުދެއްވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ