ގދ. ތިނަދޫ ސަރަހައްދީ ބަނދަރު ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ބަނދަރުގެ ބިން އެ ރަށުން ކައުންސިލުން ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އާ ހަވާާލުކޮށްފައެވެ. މި ރަސްމިއްޔާތުގައި ބިން ހަވާލުކޮށްދެއްވީ އެ ރަށު ކައުންސިލް ރައީސް އަލީ އަމްޖަދެވެ. އަދި އެމްޕީއެލްގެ ފަރާތުން ބިމާ ހަވާލުވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވީ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ދެންހުރި މަސައްކަތްތައްވެސް އެމްޓީސީސީއާއި ހަވާލުކުރުމަށް އެކަމާއި ގުޅޭ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރުމަށް ހަަމަޖެހިފައިވާ ކަމަށެވެ. ޝާހިދު ވިދާޅުވީ މި ބަނދަރުގައި މަސައްކަތް ކުރާނެ މުވައްޒަފުން ހޯދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާާނެ ކަމަށެވެ. އަދި މުވައްޒަފުން ނެގުމުގައި ތިނަދޫ އާއި ހުވަދު އަތޮޅުގެ ރައްޔިތުންނަށް އިސްކަންދޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ތިނަދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަބްދުﷲ ސަނީފް ވިދާޅުވީ މީގެ ކުރިން އެންމެ ބޮޑު އިގުތިސޯދެއް އޮތް ތިނަދޫ ސުންނާފަތިކުރި ނަމަވެސް، ހުވަދުއަތޮޅަކީ ދެކުނުގެ މުޅި އާބާދީއަށްވާ ވަރަށް އިގުތިސޯދީ ހަރަކާތް ހިންގާ ނަފާ ހޯދޭނެ ސަރަހައްދެއް ކަމަށެވެ. އަދި ހުވަދުއަތޮޅަކީ އިގުތިސޯދީ މުއްސަނދި ރިޒާވެއް އޮތް ބައެއް ކަމަށްވެސް ސަނީފް ވިދާޅުވިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް އެމްޓީސީސީއިން ނިންމާފައިވާ ގޮތުގެ ތަފްސީލްތައް ދެއްވަމުން އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެކުންފުނިން ބޭނުންވަނީ މި މަޝްރޫޢުވެސް ވީހާވެސް އަވަހަކަށް ނިންމާލުމަށް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 45 ދުވަހުގެ ތެރޭ މި މަޝްރޫޢުގެ މަސައްކަތްތައް ނިންމާލުމަކީ އަމާޒެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ