ސަރުކާރުގެ ކޯލިޝަނަށް ނިސްބަތްނުވާ މީހެއްނަމަ އެމީހަކު ވަޒީފާއިން ވަކިކުރުމުގެ ސަޤާފަތެއް މިއަދު ޤާއިމް ވެފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
ޕީޕީއެމްގެ ކައުންސިލް މެމްބަރު ސޫދާ ޢަބްދުﷲ އެމްޕީއެލްގެ ވަޒީފާއިން ވަކިކުރުން ކުށްވެރިކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ މިޢަމަލަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށާއި އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާ ފަރާތްތައް ވަޒީފާތަކުން ވަކިކޮށް ބިރުދައްކާ އިންޒާރުދީ މިސަރުކާރުން ތަކުރާރުކޮށް ހިންގާފައިވާ ހަޑިހުތުރު ޢަމަލެއްކަމަށެވެ.
މިސަރުކާރުން ވެރިކަމަށް އައީ ވަޒީފާގެ ބިރުވެރިކަން ނައްތާލުމަށާއި ވަކި ސިޔާސީ ކުލައަކަށް ވަކި ފިކުރަކަށް ތާއީދު ކުރާ ފަރާތްތަކަށްވެސް ވަޒީފާގެ ރައްކާތެރިކަން އޮންނާނެ ކަމަށް ބުނަމުން. ނަމަވެސް ވެރިކަން ލިބުމާއެކުރާއްޖޭގެ އެކި ވުޒާރާތަކުގައާއި ކުންފުނި ތަކުގައި ތިބި މި ކޯލިޝަނަށް ތާއީދު ކުރާ ފަރާތްތަކަށް ބިރުދައްކާ ވަޒީފާތަކުން ވަކިކުރަމުންދާކަން މި ކޯލިޝަނުން ވަރަށް ހިތާމައާއެކު ފާހަގަކުރަން.
– އިދިކޮޅުގެ ބަޔާނުގައި ވެއެވެ.
އިދިކޮޅު ކޯލިޝަނަށް ނިސްބަތް ނުވިކަމުގައި ވިޔަސް މިސަރުކާރުގެ ސިޔާސަތުތަކާމެދު ހިތްހަމަ ނުޖެހިގެން ޚިޔާލުފާޅުކުރާ އެތައް ބަޔަކު ވަޒީފާތަކުން ކަނޑަމުންދާކަމީވެސް ނުހަނު ކަންބޮޑުވާކަމެއްކަމަށް މިބަޔާނުގައިވެއެވެ. ސަރުކާރުގެ ލާއިންސާނީ މިފަދަ ޢަމަލުތަކުގެ ސަބަބުން އެތައް ޢާއިލާއެއް މިއަދު ބިކަވެ ނިކަމެތިވަމުން ދާކަމަށް އިދިކޮޅު ބަޔާނުގައި ވެއެވެ.
ސޫދާ ވަޒީފާއިން ވަކިކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ވަޒީފާއިން ވަކިކޮށް ފޮނުވި ޗިޓުގައި ބުނެފައިވަނީ އެސިސްޓެންޓް އޮފިސަރުގެ މަގާމުން ވަކިކުރީ ކުންފުނީގެ ޕޮލިސީތަކާ ހިލާފަށް އަމަލުކުރަމުންދާތީ ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް އެ އަމަލުތަކަށް ބަދަލު އައިސްފައިނުވާތީ ކަމަށެވެ.
ކޮމެންޓު ފޮނުވާ