މަސްވެރިންގެ ކަންބޮޑުވުންތައް ސިޔާސީ ކަމެއްގެ ގޮތުގައި މަސްވެރިކަމާއިބެހޭ ވަޒީރު ސިފަކޮށްގެން ނުވާނެކަމުގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުޖުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައާއި، މިއަދު ފެލިވަރުގައި މަސްވެރިން ކުރަމުންދާ އިޚްތިޖާޖު ތަކާއި ގުޅިގެން މުހުތާޒު ވިދާޅުވީ މަސްވެރިންނަކީ ރެއާއި ދުވާލު ބުރަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ ބަޔަކަށްވާއިރު، މަސްވެރިން ބާނާ މަހަށް ހަމަ އަގުހޯދައި މަސްވެރިންގެ ކަންބޮޑުވުމަށް ހައްލު ހޯދައި ދެއްވުމަކީ ވަޒީރަކަށް ހުންނަ މީހެއްގެ ޒިންމާއެއްކަމަށެވެ.
މަސްވެރިންގެ އިޚްތިޖާޖުތަކަކީ އެއްވެސް ހާލެއްގައި ސިޔާސީ ކަމެއްގެ ގޮތުގައި ދެކި މަސްވެރިންގެ އިޚްތިޖާޖުތައް ސިޔާސީ ކަމެއްގެ ގޮތުގައި ސިފަކުރުމަކީ ވަޒީރަކަށް ހުންނަ މީހަކު ކޮށްގެންވާނެ ކަމެއްނޫންކަމަށް މުހުތާޒު ވިދާޅުުވިއެވެ. ވަޒީރަކަށް ހުންނަ މީހެއްގެ ޒިންމާއަކަށް ވާންވާނީ އެއިރެއްގައި ހުންނަވާ ރައީސެއްގެ ސިޔާސަތު ތަންފީޒު ކުރުންކަމަށެވެ. އެކަން ނުކުރެވޭނަމަ އެއީ ވަރަށް ދެރަ ކަމެއްކަމުގައި މުހުތާޒު ވަނީ ވިދާޅުވެފައެވެ.
މަސްވެރިންގެ ކަންބޮޑުވުންތަކަކީ ސިޔާސީކަމެއްގެ ގޮތުގައި މަސްވެރިކަމާއިބެހޭ ވަޒީރު ސިފަކުރައްވައިގެންނުވާނެ. ތޯތޯކަމެއްގެ ގޮތުގައި ދެކި މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރުކަންފަތް ދިނުމަކީ ދެރަވަރުކަމެއް. ރައީސް ޞާލިހުގެ ވައުދުތައް ތަންފީޒުކޮށްދެއްވުމަކީ ވަޒީރުގެ ޒިންމާއެއް.
– މުހުތާޒު ވިދާޅުވިއެވެ.
ފެލިވަރުގެ ކުރިއަށްދާ އިހުތިޖާޖުތަކުގައި މަސްވެރިން ދަނީ އެމީހުންގެ ޝުޢޫރުފާޅުކޮށް، އަޑުއުފުލަމުންނެވެ. އަދި މިފްކޯގެ ހިންގުމާއި ހަވާލުވެ ތިއްބެވި ވެރިންނާއި ބައްދަލު ކުރުމަށް މަސްވެރިން މަސައްކަތް ކުރި ނަމަވެސް ފުލުހުންވަނީ ފެލިވަރުގެ ތެރެއަަށް މަސްވެރިންނަށް ނޭރޭނެގެން ޖެޓީގެ މެދާއި ހިސާބުން ޓޭޕް ދަމައި ބަންދުކޮށްފައެވެ. މަސްވެރިން ގޮވާލަމުންދަނީ ރައީސް ޞާލިހު އެމީހުންނާއި ބައްދަލުކޮށް، އެމީހުންގެ ޝުޢޫރު އަޑު އަހައި މައްސަލަތަކަށް ހައްލު ތަކެއް ހޯދުމަށެވެ.
ކޮމެންޓު ފޮނުވާ