ތިލަމާލެ ބްރިޖްގެ %38.8 މަސައްކަތް ނިމިއްޖެ

ތިލަމާލެ ބްރިޖްގެ %38.8 މަސައްކަތް ނިމިއްޖެ

Author
އަހުމަދު
31 މެއި 2024 09:27
0

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ތިލަމާލެ ބްރިޖުގެ %38.8 މަސައްކަތް ނިމިއްޖެއެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އިބްރާހިމް މުއްތޮލިބް ވިދާޅުވީ ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން ތަބުތަކުގެ ޕައިލިންގެ %65 ނިމި، ޕައިލް ކެޕްގެ %46 ނިމިފައިވާ ކަމަށެވެ. އަދި މަޝްރޫއުތަކުގެ ޑެކްގެ ބޭނުންވާ ޕްރީ ކާސްޓުތަކުގެ %31 ވަނީ ކާސްޓްކޮށް ނިމިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން މާލެ އާއި ވިލިމާލޭގެ ސެގްމަންޓުތައް ހުޅުވާލުމުގެ މަސައްކަތް ލޯންޗު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖްގެ މާލެއިން ގުޅިފަޅަށް މަސައްކަތްތައް ނިންމުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ފަހުކޮޅެވެ. އަދި ބާކީ މަސައްކަތްތައް 2026 ގެ ނިޔަލަށް ނިންމަން ވަނީ އަމާޒު ހިފައިފައެވެ.

ވިއްސާރައިގެ ސަބަބުން މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެފައިވީ ނަމަވެސް ދީފައިވާ ތާރީޙަށް މަސައްކަތްތައް ނިމޭނެ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައެވެ. މި މަޝްރޫޢަކީ މާލެ ސަރަޙައްދުގައި އުމްރާނީ ގޮތުން ކުރިއަށް ގެންދެވޭ އެންމެ ބޮޑު ބިޔަ މަޝްރޫޢެވެ.

މިމަޝްރޫއުގެ ދަށުން ޤާއިމްކުރާ 3 ބުރިޖާއި، ކޯސްވޭ އަދި މަގުތަކުގެ ނެޓްވޯކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މީގެއިތުރަށް ގުޅާލާ، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައް ވެސް ހުންނާނެއެވެ.

މުޅި މި މަޝްރޫޢަށް 500 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.