20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް މަގާމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އިންތިޚާބު ކޮށްފިއެވެ. ނާޒިމް މަޖިލިސް ރައީސްކަމަށް އިންތިޚާބު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން މިއަދު މަގާމުގެ ގާނޫނީ ހުވާ ކުރެއްވުމަށްފަހު، ރައްޔިތުންގެ މަޖިލިހުގެ ރައީސް އިންތިޚާބު ކުރުމަށް ނެގުނު ސިއްރު ވޯޓުގައެވެ.
މި ވޯޓުގައި ނާޒިމަށް މަޖިލިހުގެ 80 މެމްބަރުންގެ ވޯޓު ލިބިވަޑައިގެންނެވިއިރު އެމްޑީޕީގެ ފަރާތުން މަޖިލިސް ނައިބު ރައީސް ހުށަހެޅި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު ދީދީއަށް ލިބުނީ 12 ވޯޓެވެ. ބާތިލް ވޯޓުގެ އަދަދު 0 އެވެ. ބާތިލް ވޯޓު ނުހިމަނައި ވޯޓު ލީ މެމްބަރުންގެ އަދަދަކީ 92އެވެ.
މަޖިލިހުގެ ރައީސްއާއި ނާއިބު ރައީސް އިންތިޚާބު ކުރާނީ މެމްބަރުންގެ މެދުގައި ބޭއްވޭ ސިއްރު ވޯޓަކުންނެވެ.
މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރެވެންދެން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ އެ ޖަލްސާއަށް ހާޒިރުވެ ތިބި މެންބަރުންގެ ތެރެއިން މަޖިލީހުގެ މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެންބަރު ކަމަށާއި މެންބަރުކަމުގައި މެދުނުކެނޑީ އެންމެ ގިނަ ދުވަސްވީ ގިނަ މެންބަރުންތަކެއް ތިބިނަމަ އެ މެންބަރުންގެ ތެރެއިން އުމުރުން އެންމެ ދޮށީ މެންބަރެވެ.
ފާއިތުވި މަޖިލިސް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީންވަނީ 66 ގޮނޑި ކާމިޔާބު ކޮށްފައެވެ. އަދި މިނިވަން މެމްބަރުންގެ ގޮތުގައި 11 ބޭފުޅަކު ގޮނޑި ކާމިޔާބު ކުރެއްވިއެވެ. އެހެންނަމަވެސް އޭގެ ތެރެއިން ގިނަ މެމްބަރުން ޕީއެންސީއަށް ސޮއި ކުރެއްވުމާއެކު ވެރިކަންކުރާ ޕީއެންސީގެ މެމްބަރުންގެ އަދަދު މިހާރުވަނީ 76 އަށް އަރާފައެވެ.
އިނދިކޮޅު އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 12 ގޮނޑިއެވެ. ޖުމުހޫރީ ޕާޓީން މަޖިލިހަށް އިންތިޚާބުވި ގާސިމް އިބުރާހިމްއާއި، މީދޫ ދާއިރާއަށް އިންތިޚާބު އަހުމަދު ސިޔާމް މުހައްމަދުއާއި، ވެލިދޫ ދާއިރާއަށް އިންތިޚާބު އައްބާސްއާއި އަދި އެމްއެންޕީން އިންތިޚާބުވި ނާޒިމްއަކީވެސް ސަރުކާރާ އެކީ މަސައްކަތް ކުރައްވާނެ މެމްބަރުންނަށްވާތީ، 20 ވަނަ މަޖިލިހުގައި ސަރުކާރަށް ބޮޑު މެޖޯރިޓީއެއް އޮންނާނެއެވެ.
ކޮމެންޓު ފޮނުވާ