ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީކުރުމުގެ މަޝްރޫޢު މި ހަފްތާގައި ފަށާނެކަން އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
ޕީއެސްއެމްއިން ގެނެސްދިން ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވީ މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު ހޫނުމިން މަތިވެ، އެ ހޫނުކަން ދަރިވަރުންނަށް އިހުސާސްކުރެވި ކުދިން ސްކޫލަށް ދާން ބޭނުން ނުވުމަކީ ބައެއް ގައުމުތަކަށް ކުރިމަތިވަމުންދާ މައްސަލައެއް ކަމުގައެވެ.
މީ ރާއްޖެއަށް އެކަނި ދިމާވެފަވާ ކްރައިސިސްއެއް ނޫން. ވަރަށް ގިނަ ގައުމުތަކުން ފާހަގަކުރި ސްކޫލުތަކުގަ ހޫނުގަދަވުމުގެ ސަބަބުން ކުދިން ސްކޫލަށް ނުދިއުމުގެ ސަބަބުން އަންނަ ލާނިން ލޮސް.
ޝަފީއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޮޑު ޚަރަދެއް ކޮށްގެން ސަރުކާރުން ކްލާސް ރޫމްތައް އޭސީ ކުރުމުގެ މަސައްކަތް ފަށަން ބޭނުންވަނީ ކުދިންނަށް ތައުލީލު ހާސިލް ކުރެވޭނީ ހިތްފަސޭހަ މާހައުލެއްގައިކަމަށް ވާތީއެވެ. އަދި އެ މަޝްރޫޢުގެ މަގްސަދަކީ އެއީކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ޝަފީޢު ވިދާޅުވީ ރައީސް މުއިއްޒު އިރުޝާދު ދެއްވާފައިވަނީ އޭސީތަކަށް ބޭނުންވާ ކަރަންޓުގެ %30 ކަރަންޓަކީ އިއާދަކުރަނިވި ހަކަތަ ކަމަށް ހެދުމަށް ކަމަށެވެ.
މިކަން ކުރުމުގަ އެންމެ މަދުވެގެން 30 އިނސައްތަ ކަރަންޓަކީ ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓުގެ ގޮތުގަ ބައްޓަންކުރެވިގެން، އެފަދަ ގޮތަށް ވިސްނައިގެން މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ރައީސް އިރުޝާދުދެއްވާފައިވަނީ. އަޅުގަނޑުމެން އޭސީކުރުމުގެ ޕްރޮޖެކްޓުގެ މަސައްކަތް މި ހަފްތާ ތެރޭގަ އިފްތިތާހުކުރާނަން.
ޝަފީޢު ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކްލާސްރޫމްތައް އޭސީ ކުރުމެވެ.
ބައެއް ސްކޫލްތަކުގައި ބެލެނެވެރިން އިސްނަގައިގެންނާއި ރަށްތަކުގެ ވިޔަފާރިވެރިންނާއި ޖަމިއްޔާ ޖަމާއަތްތަކުން އިސްނަގައިގެން ކުލާސްރޫމުތަކުގައި އޭސީ ހަރުކޮށްފައި އެބަހުއްޓެވެ. އެކަމަކު ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި ހެން ހަރުކޮށްފައި ހުންނަނީ ފަންކާއެވެ.