ޑްރަގު ވިޔަފާރި ކުރާ 3 ތަނެއްގެ ވެރިންނަށް ދައުވާ ކުރަން ފޮނުވައިފި

ޑްރަގު ވިޔަފާރި ކުރާ 3 ތަނެއްގެ ވެރިންނަށް ދައުވާ ކުރަން ފޮނުވައިފި

Author
މުޙައްމަދު ޝަޒައިމް
21 ޑިސެމްބަރ 2020 01:17
0

މާލޭގައި "ޑްރަގު ކެފޭ"ތައް ހިންގާ ގެތަކުގެ ތެރެއިން 3 ގެއެއްގެ ވެރިފަރާތުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ދައުވާ ކުރަން ފޮނުވާފައިވަނީ މ.ބްރައިޓް ފްލާވާއާއި، ގ.ފްރެޝް ލައިޓުގެ އިތުރުން ގ.ހިލާލުގޭގެ ވެރިފަރާތުގެ މައްޗަށް ކަމުގައެވެ. ފުލުހުން މާލޭގައި ހިންގި މި އޮޕަރޭޝަންގައި ޑަރަގުގެ ވިޔަފާރި ކުރާ 21 ތަނެއް ފާހަގަކުރެވިފައިވާކަމަށާއި، އޭގެ ތެރެއިން 16 ތަނެއްގެ ވެރިންނަށް މިކަމުގެ ސަމާލުކަން ގެނެސްފައިވާކަމަށެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މީގެ ތެރެއިން ބައެއް ތަންތަން މިހާރު ގޭގެ ވެރިން ބޭނުން ވެގެން ފުލުހުންގެ އެހީތެރިކަމާއިއެކު ބަންދު ކޮށްފައިވާކަމަށެވެ. އަދި މިހާރު ނޯޓިސް ނުދެވި ވަނީ 5 ތަނެއްކަމަށެވެ. މާލޭގެ ބައެއް ގޭގޭގައި ހިންގަމުންދިޔަ ޑްރަގުގެ ވިޔަފާރިތަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގައި 23 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. މިތަންނުން 768 މީހަކު ވަނީ ބަލާ ފާސްކޮށްފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 720 ފިރިހެނުންނާއި، 37 އަންހެނުން އަދި 18 އަހަރުން ދަށުގެ 11 ކުޑަކުދިންނެވެ. އަދި މި އޮޕަރޭޝަންގައި 51 އަހަރުން މަތީގެ 23 މީހުންނާއި 57 ބިދޭސީންވެސް ހިމެނެއެވެ.

މިތަން ތަނުން ފަސްދޮޅަސް ނުވަހާސް ފަސްސަތޭކަ ރުފިޔާއާއި އެއް ޑޮލަރު ނަގުދު ފައިސާގެ ގޮތުގައި ވަނީ އަތުލައިގެންފައެވެ. މި އޮޕަރޭޝަންގެ ދަށުން ރެއިޑްކޮށްފައިވާ ތަންތަނުގެ ތެރޭގައި، މއ.ހުދުއަކިރި، މ.ބްރައިޓް ފްލާވަރ، މއ.އަބާގެ، ގ.ފްރެޝް ލައިޓް، މ.ސަމްމާމުއާގެ، ގ.މެރިނައިޓް، މ.ނަޝީ ރޯސް، މއ.ޓްވައިލައިޓް، ގ.ސެންޓުގެއާގެ، ހ.ކަނޑުފިނިގެ، ހ.އަޒިއްލިއާ، މ.ދެރަހާ، މ.ފްރެޝް މީޑް، މ.ޒާކިރާ މަންޒިލް، މއ.އޭކޯން، ގ.މެމޮރީ ވިލާ، މ.ނަދީ އިރުމަތީ ބައި، މ.ނިއު އޮލިމްޕިއާ، މއ.ރެޑް ޕާލް، މއ.ވިނަރެސް، ގ.ބްރޫޕް، މ.ލަވް ނެސްޓް، މ.ހިޖާޒް އަދި އިސްލާމިކް ޔުނިވަރސިޓީއާ އިންވެގެން އޮމންނަ ގޯޅިގަނޑުވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.