އިސްރަށްވެހިންނަށް އަމާޒުކޮށް ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކެއް ފަށަނީ

އިސްރަށްވެހިންނަށް އަމާޒުކޮށް ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކެއް ފަށަނީ

Author
ހުސައިން
23 މެއި 2024 10:32
0

ދިވެހިރާއްޖޭގައި ތިބި އިސްރަށްވެހިންނަށް އަމާޒުކޮށް ދީނީ ޕްރޮގްރާމްތަކެއް ފެށުމަށް މަޝްވަރާކޮށްފި އެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނީ ސްރަށްވެހިންނަށް އަމާޒުކޮށް ދީނީ ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދިޔުމަށް އިސްރަށްވެހިންގެ ނާދީ އިން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ދެމެދު މިއަދު މަޝްވަރާ ބައްދަލުވުމެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.

މިއަދުގެ މަޝްވަރާގައި ދީނީ ޕްރޮގްރާމްތަކެއް ނާދީގައި ކޮންމެ މަހަކުވެސް ކުރިއަށް ގެންދިއުމަކީ ވަރަށް އެދޭކަމެއް ކަމުގައި ފާހަގަކޮށްފައިވާތީ، ކޮންމެ މަހަކުވެސް ދީނީ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް އިސްރަށްވެހިންގެ ނާދީއިން ވަނީ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއަށް ހުށަހަޅާފައި އެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި މިބައްދަލުވުމުގައި ދެފަރާތުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިމަޝްވަރާގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާފައިވަނީ ކުރިއަށް ގެންދާނެ ޕްރޮގްރާމްތަކާއި ކޮންޓެންޓާއި މަޤުޞަދުތަކާބެހޭގޮތުންނެވެ. މިގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އިސްކަމެއްދެއްވައިގެން ކުރިއަށްގެންދާ "ރިސާލަތު" ޕްރާގްރާމާއި، ސުވާލާއި ޖަވާބު ސެޝަންތައް، ދީނީ ކުއިޒް މުބާރާތް، ޤުރްއާން މުބާރާތް ފަދަ ދީނީ ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމަށް މަސައްކަތްކުރާނެކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިންވަނީ ބުނެފައެވެ.

މިހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރުމަށްވަނީ ނިންމާފައެވެ. ނަމަވެސް އޭގެ ކުރިންވެސް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށްވަނީ ރޭވިފައެވެ.

މިގޮތުން ބޭއްވޭ ސެޝަންތަކުން ލިބޭ ފީޑްބެކް ބޭނުންކޮށްގެން އިސްރަށްވެހިންގެ މުޖުތަމައުގެ ބޭނުންތަކާއި ހުށަހެޅުންތަކަށް ރިއާޔަތްކޮށް ޕްރޮގްރާމް އިތުރަށް ހަރުދަނާކުރުމަށް ހަމަޖެހިފައިވާކަން މިނިސްޓްރީއިން ވަނީ ހާމަކޮށްފައި އެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ އާއި "އިސްރަށްވެހިންގެ ނާދީ" ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތަކީ ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ އަދި ރޫހާނީ ގޮތުން މުއްސަނދި މާހައުލެއް ގާއިމުކުރުމަށް އެޅި ވަރަށް ހަރުދަނާ ފިޔަވަޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.