ދިވެހި ލެންގްއޭޖް ކަލްޗާ އެންޑް ހެރިޓޭޖްގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ސައީދު މޫސާ ވަޖުދީވެސް މަގާމުން ސަސްޕެންޑް ކޮށްފިއެވެ. އެނގިފައިވާ ގޮތުގައި އޭނާ މަގާމުން ސަސްޕެންޑް ކޮށްފައިވަނީ މިއަދުއެވެ.
އެހެންނަމަވެސް އޭނާވެސް މަގާމުން ސަސްޕެންޑް ކުރި ސަބަބެއް ރަސްމީ އެއްވެސް ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.
މުހައްމަދު ސައީދު މޫސާ ވަޖުދީއަކީ ވަރަށް ދިގުމުއްދަތަކަށް ނޫސްވެރިކަން ކޮށްފައިވާ ފަރާތެކެވެ. އަދި އޭނާއަކީ މަޝްހޫރު ރެފްރީއެއްވެސްމެއެވެ.
ވަޖުދީ މަގާމުން ސަސްޕެންޑް ކުރިއިރު ސަރުކާރުގެ އިސްމަގާމްތަކުގައި ތިއްބެވި ބައެއް ބޭފުޅުން މަގާމުން ވަކިކޮށް ބައެއް ބޭފުޅުންވަނީ ސަސްޕެންޑްވެސް ކޮށްފައެވެ. އަދި އަނެއްބައި ބޭފުޅުންވަނީ އިސްތިއުފާ ދެއްވާފައެވެ.
އެގޮތުން އެމްއެމްޕީއާރުސީގެ އެމްޑީކަމުގެ ފާތިމަތު ތައުފީގު ވަކިކުރެއްވިއިރު އެ ކުންފުނީގެ ޗެއރަޕާސަންގެ މަގާމުގައި ހުންނެވި ނޫރައިންވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭގެ އިތުރުން އެޗްޑީސީގެ ޗެއަރޕަން ޒުހޫރު މަގާމުން ވަކި ކޮށްފައިވާއިރު، ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރކަމުގައި ހުންނެވި ސެއިން ޝިފާޒު ވަނީ މަގާމުން ސަސްޕެންޑް ކޮށްފައެވެ. އޭނާ ސަސްޕެންޑްކުރި ސަބަބެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
އަދި އޭގެ އިތުރުން އިއްޔެ މިފްކޯގެ ސީއީއޯގެ މަގާމުން ވަކިކުރުމަށްފަހު ރައީސް މުއިއްޒުވަނީ މިއަދު އޭނާ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް އައްޔަން ކޮށްފައެވެ.
ސަރުކާރުގެ އިސް މަގާމްތަކަށް މިއަދު ބަދަލު އައިސްފައިވާއިރު، ރައީސް މުއިއްޒުގެ ތާއީދާއެކު، މަޖިލިސް ރައީސްކަމަށާއި ނާއިބުރައީސްކަމަށް އައްޔަން ކުރާނެ ބޭފުޅުންވެސް ވަނީ މިއަދު ހަމަޖައްސާފައެވެ.
އެގޮތުން މަޖިލިސް ރައީސްކަމަށް ފޮނަދޫ ދާއިރާއަށް އިންތިޚާބުވި އަބުދުއްރަހީމް ހަމަޖައްސާފައިވާއިރު ނާއިބު ރައީސްކަމަށް ހަމަޖައްސާފައިވަނީ ދިއްގަރުދާއިރާއަށް އިންތިޚާބުވި ނާޒިމްއެވެ.
މިއަދު މުލިއާގޭގައި ބޭއްވުނު ބައްދަލުވުމުގައި ވަނީ ޕީއެންސީގެ ޕީޖީ ގްރޫޕްގެ ނައިބު ލީޑަރުންގެ ގޮތުގައިވެސް ބޭފުޅުން ހަމަޖައްސަން ވަނީ ނިންމާފައެވެ. އެމެމްބަރުންނަކީ ހުޅުދޫ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު ޝާހިދު (ޝާޑު)އާއި، ވިލިމާލެ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު އިސްމާއިލްއާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް)އާއި ބާރަށު ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހިމް ޝުޖާއުއެވެ.