ބޯހިޔާވަހިކަމުގެ ސްކީމްގައިތަކުގައި، ދޮށީ އުމުރުގެ މީހުން ބަލަހައްޓާ ފަރާތްތަކަށް އިތުރަށް ޕޮއިންޓު ލިބޭނެ އުސޫލެއް އެކުލަވާލަނީ

ބޯހިޔާވަހިކަމުގެ ސްކީމްގައިތަކުގައި، ދޮށީ އުމުރުގެ މީހުން ބަލަހައްޓާ ފަރާތްތަކަށް އިތުރަށް ޕޮއިންޓު ލިބޭނެ އުސޫލެއް އެކުލަވާލަނީ

Author
ޙަސަން މުޙައްމަދު
21 މެއި 2024 09:25
0

ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ ސްކީމުތަކުގައި ދޮށީ އުމުރުގެ މީހުންނާއެކު ދިރިއުޅޭ ނުވަތަ އެމީހުން ބަލަހައްޓާ ފަރާތްތަކަށް ޕޮއިންޓު ލިބޭނެ އުސޫލުތައް އެކަށައެޅުއްވުމަށް ނިންމައިފި އެވެ.

އެ ނިންމުން އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގައި ވަނީ ނިންމާފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މިއީ ދޮށީ އުމުރުގެ މީހުންނާއެކު އާއިލާތަކަށް ދިރިއުޅެވޭނެ މަގުފަހި ކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ.

ދޮށީއުމުރުގެ މީހުންނާއެކު ދިރިއުޅޭ ނުވަތަ މައިންބަފައިން ބަލަހައްޓާ ފަރާތްތަކަށް ފްލެޓް ދިނުމުގައި ޕޮއިންޓު ލިބޭނެ އުސޫލުތަކެއް ކަނޑައެޅިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ "އިސްރަށްވެހިންގެ ނާދީ" ގެ ނަމުގައި ހަދާފައިވާ މަރުކަޒު ހުޅުވަން ބޭއްވި ރަސްމިއްޔާތު ގައި ފެބްރުއަރީ 17 ވަނަ ދުވަހު އެވެ.

ރައީސް އެ ދުވަހު ވިދާޅުވީ ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ހަރުދަނާ ބޯހިޔާވަހިކަމުގެ ސިޔާސަތެއްގެ ތެރެއިން ދެމެހެއްޓެނިވި ހައްލު ހޯދުމައްޓަކައި ރާއްޖޭގެ އާބާދީގައި ތިބި ދޮށީ އުމުރު — 65 އަހަރުން މަތީ މީހުންނަށް ރައްކާތެރިކަމާއެކު ހިތްހަމަޖެހިގެން އާއިލާއާއި އެކު އުޅުމަށް މަގުފަހިވާނެ ގޮތަށް ސަރުކާރުން އަލަށް ތައާރަފްކުރާ ބޯހިޔާވަހިކަމުގެ ސްކީމުތައް އެކަށައެޅުމަށް ސޯޝަލް ކައުންސިލުން އޭރު ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން މި ނިންމުމާއެކު ސަރުކާރުން އަލަށް ތައާރަފްކުރާ ސޯޝަލް ހައުސިން ސްކީމުތަކުގައި ދޮށީއުމުރުގެ މީހުންނާއެކު ދިރިއުޅޭ ނުވަތަ އެމީހުން ބަލަހައްޓާ ފަރާތްތަކަށް ޕޮއިންޓު ލިބޭނެ އުސޫލުތައް ކަނޑައެޅިގެންދާނެ ކަމަށް ވިދާޅުވި އެވެ.

އަދި އެކަހެރިކޮށް ދިރިއުޅޭ ދޮށީއުމުގެ މީހުންނަށް ފްލެޓަށް ނުވަތަ އިޖުތިމާއީ ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެ އުސޫލުތައް ކަނޑައެޅިގެންދާއިރު އެކަހެރިކޮށް ދިރިއުޅޭ ދޮށީއުމުގެ މީހުންނަށް ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމުތަކުގެ ތެރެއިން ދޫކުރާ ފްލެޓަށް ނުވަތަ އިޖުތިމާއީ ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެ އުސޫލު ވެސް ކަނޑައެޅޭނެ ކަމަށެވެ.

މީގެ އިތުރުން ދޮށީ އުމުރުގެ މީހުންނަށް ސޯޝަލް ހައުސިން ސްކީމުގެ ދަށުން ވަކި އަދަދަކަށް ފްލެޓުތައް ކަނޑައެޅޭނެ އުސޫލެއް ވެސް އެކުލަވާލެވޭނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.