ފުރަތަމަ ހަ މަސް ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިމަގު ބައްޓަންކުރާނެ ގޮތުގެ ބިންގާ އެޅިގެން ގޮސްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާޙީމް ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަމަ ހަ މަސްދުވަހުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ލަނޑުދަނޑިއާއި ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓްގައި ފައިސަލް ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ ކުރިމަގު ބައްޓަންކުރާނެ ގޮތުގެ ބިންގާ ވަނީ އެޅިގެން ގޮސްފައެވެ.
’’މި ސިނާޢަތް އިތުރަށް ސިންދަފާތުކޮށް، ދެމެހެއްޓެނިވި ސިޔާސަަތުތައް ތަންފީޒުކޮށް، ދިވެހި ޒުވާނުންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަކީ މި 5 އަހަރުގެ އަމާޒު’’ ފައިސަލް ވިދާޅުވެފަވެއެވެ.
ފައިސަލް މިހެން ވިދާޅުވެފައިވާއިރު، ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4363 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖޭގައި އެވްރެޖްކޮށް 7 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.
ސަރުކާރުން މި އަހަރަށް އަމާޒު ހިފާފައިވަނީ ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މި އަމާޒު ހާސިލްކުރުމަށްޓަކައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކައި ގުޅިގެން ރާއްޖެ ޕްރޮމޯޓުކޮށް އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށްވަނީ ރާވާފައެވެ.
ދުނިޔޭގެ އެންމެ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލްގެ ލަޤަބް ރާއްޖެއިން ޖެހިޖެހިގެން 4 އަހަރު ހޯދާފައިވާއިރު، ސަރުކާރުގެ އަމާޒު ހުރީ އާންމު ރައްޔިތުންނާއި، މުވައްޒަފުންނާއި އަދި ވިޔަފާރިތަކަށް ފަތުރުވެރިކަމުން އާމްދަނީ ލިބޭނެ މަގު ފަހިކޮށްދިނުމަށްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ