ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުގެ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ރަސްމީ ދަތުރުފުޅެއްގައި ސުލްތާން ރާއްޖެ ވަޑައިގެން އެންމެ ފުރަތަމަ ވެސް ބައްދަލު ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެވެ. ސައުދީ ފަންޑުގެ ސީއީއޯ އާއި އެ ފަންޑުގެ ވެރިން ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި ފިނޭންސް މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ސައުދީ ފަންޑުގެ ވެރިން ވަނީ އެ ފަންޑުގެ އެހީގައި ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅާލަން ހެދި ބްރިޖުތައް ވެސް ރަސްމީކޮށް އިފްތިތާހު ކުރިއެވެ. މި ބްރިޖުތަކަކީ ތިން ގައުމެއްގެ އެހީގައި ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. އެގޮތުން ބްރިޖުތަކުގެ ޑިޒައިން ތުރުކީގެ ކުންފުންޏަކުން ކުރިއިރު، ބްރިޖުތައް އެޅީ ޗައިނާގެ ކުންފުންޏަކުންނެވެ.
މިކަމަށް ހަރަދު ކުރީ ސައުދީ ފަންޑުންނެވެ. އެ ފަންޑުގެ އެހީގައި ހުޅުމާލެ ފޭސް ދޭއްގައި ކުރިއަށް ދިޔަ އެހެން މަޝްރޫއުތައް ވެސް ވަނީ އިފްތިތާހުކޮށްފައެވެ.
ސައުދީ ފަންޑުގެ ވެރިޔާގެ މި ދަތުރުފުޅުގައި ރާއްޖެ އާއި ސައުދީ އާ ދެމެދުގައި މުހިންމު މަޝްރޫއުތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ލޯން އެހީ ދިނުމާ ގުޅޭ އެއްބަސްވުމަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ތަރައްގީ ކުރަން އެހީ ދިނުމުގެ އެއްބަސްވުމެއް ހިމެނެއެވެ.
ރާއްޖޭގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މި މަހު ވަނީ ސައޫދީ އަށް ވަޑައިގެން ސައޫދީ ފަންޑުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވައިފައެވެ.
ކޮމެންޓު ފޮނުވާ