މިހިގާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ފަހު ޖަލްސާ މާދަމާއަށް ތާވަލު ކޮށްފިއެވެ.
މާދަމާ 19 ވަނަ މަޖިލިހުގެ ފަހުޖަލްސާ ބާއްވަން ހަމަޖެހިފައިވާއިރި، މަޖިލިހުގެ މިދައުރުގެ ގިނަ މަސައްކަތްތައް ނުނިމި ވާތީ، ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މެންބަރުނާއި ކޮމިޓީތަކުގެ މުގައްރިރުންގެ ފަރާތުން މީގެ ކުރިން ވަނީ އެދިވަޑައިގެންފައެވެ.
އެހެންނަމަވެސް އެންމެ ފަހުން ބޭއްވުނު ޖަލްސާވެސް ވަނީ ކޯރަމް ހަމަނުވެގެން ކުރިޔަށް ނުގެންދެވިފައެވެ.
މަޖިލިހު އެންމެ ފަހުގެ ޖަލްސާވެސް ފަށާ ގަޑި ކަމުގައިވާ 9:00 ގައި ކޯރަމް ހަމަނުވާތީ މަޖިލީހުގެ ރައީސް ވަނީ 10:00 އަށް ޖަލްސާ ފެށުމަށް ލަސްވެސް ކޮށްފައެވެ. ނަމަވެސް 11 ޖެހި ފަހުން ވެސް ޖަލްސާ ފެށޭ ވަރަށް ކޯރަމް ހަމަވެފައެއް ނުވެއެވެ. އެ ވަގުތު މަޖިލީހަށް ހާޒިރުވެ ތިބީ އެންމެ 10 މެންބަރުންނެވެ.
މި ދައުރު ނިމެނީ މިމަހުގެ 15 ގައެވެ. ނަމަވެސް ޖަލްސާތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 13 ވަނަ ދުވަހާ ހަމައަށެވެ. އާ މަޖިލިސް ހުވާކުރުމަށް ނިންމާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.