އިއްޔެ ފެށި، މާލޭ ފެންބޮޑުވުމުގެ މަޝްރޫއު ކުރިޔަށް ނުގެންދެވުނީ ކުރީ ސަރުކާރުން އެއްބާރުލުން ނުދިނުމުންކަމުގައި މާލޭގެ ޑެޕިއުޓީ މޭޔަރި އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ވިއްސާރަ ދުވަސްވަރުގައި މާލޭގައި ފެންބޮޑުވާ މައްސަލައަށް ވަގުތީ ހައްލުތަކެެއް ހޯއްދެވުމަށް ސަރުކާރުން މިއަދު ފެށި މަޝްރޫއާއި ގުޅޭގޮތުްނ ނަރީޝް ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މާލެސިޓީ ކައުންސިލްގެ މޭޔަރަކަށް އަދުގެ ރައީސް ހުންނަވާ ފެށި މަސައްކަތް އޭރުގެ ސަރުކާރުން އެއްވެސް އެއްބާރުލުމެއް ކައުންސިލަށް ނުލިބުމުގެ ސަބަބުން އޭރު އޮތީ ނުފެއްޓި ކަމުގައެވެ.
އަދި މި ސަރުކާރު ވެރިކަމަށް އައިސް އަދުގެ ރައީސްގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ސަރުކާރުގެ ކަމާއި ގުޅުންހުރި ހުރިހާ މުއައްސަސާތަކުން ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދެއްވުމުގެ އަމަލީ މަސައްކަތް މިއަދު ފެއްޓިގެން ދިޔަކަމީ މާލޭގެ ރައްޔިތުންނަށް ލިބިގެންދިޔަ ހިތްހަމަޖެހުމަކާއި އުފަލެއްކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
އެކަމަށްޓަކައި ރައީސް މުއިއްޒުއަށް މާލޭގެ ރައްޔިތުންގެ ނަމުގައި އާއި މާލޭސިޓީ ކައުންސިލަރުންގެ ނަމުގައި ވަރަށް އިޙްލާސްތެރި ޝުކުރެއް ދަންނަވާކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ފެންބޮޑުވާ މައްސަލައަށް ހައްލެއްހޯދުމަށް ފެށުނު މިމަޝްރޫޢު ކުރިއަށްގެންދާނީ ޤައުމީ ދިފާޢީ ބާރާއި އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއާއި ރޯޑްޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގުޅިގެންނެވެ.
މި މަޝްރޫޢު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ދިފާއީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވީ، މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ސިފައިން ހަރަކާތްތެރިވާ ކޮންމެ ދުވަހަކު ރައީސް އެ ކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި މާލޭގެ މަގުތައް އަލުން ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެއްޓެވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެއްކަމުގައި ޣައްސާން ފާހަގަކުރެއްވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު ޢާދަމް ޝަރީފު އުމަރު ވިދާޅުވީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ ވިއްސާރައިގައި ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ސަރުކާރުން މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ފެން ބޭރުކުރުމަށް ހަރުކުރަންޖެހޭ ވަޞީލަތްތައް ހަރުކުރެވޭނެ ކަމަށާއި ވެސްޓްޕާކް ސަރަހައްދުގެ ކައިރިން މަސައްކަތް ފަށައިގަނެ, ކަނބާއައިސާރަނި ހިނގުމުގެ އިތުރުން މާލޭގައި ފެންބޮޑުވާ އިތުރު ސަރަޙައްދުތަކުގައި ވެސް ފެން ބޮޑުވުމުގެ މައްސަލަތައް ހައްލުކުރުމަށްޓަކައި މާލޭގެ މަގުތަކުން ފެން ހިންދުމަށް ބޭނުންވާ ބޮޑެތި ޕަންޕުތައް ހޯދުމުގެ މަސައްކަތްތަކާއި އަމީނީމަގުގައި މިހާރު ހުރި ޕަންޕުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދަވާކަމުގައި މިހަފްލާގައި ވާހަކަދައްކަވަމުން އިމާރާތް ކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ހަމަޖެހުނު 130 މިލިއަން ޑޮލަރުގެ ހިލޭ އެހީއިން އެންމެ އިސްކަންދީގެން ހިންގާނެ މަޝްރޫއަކީ މާލޭސިޓީގެ މަގު ހެދުމުގެ މަޝްރޫއު ކަމަށް ރައީސް ވަނީ މީގެކުރިން ވެސްވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ