ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ލޯގޯ ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އެކި ނަންބަރުތަކުން ވަޓްސްއެޕް މެދުވެރިކޮށް ފުލުހުންގެ ނަމުގައި އެކި މީހުންނަށް ގުޅަމުންދާތީ އެކަން އާންމުންގެ ސަމާލުކަމަށް ގެނެސްފިއެވެ.
ފުލުހުން ބުނެފައިވަނީ ވީޑިއޯ ކޯލު މެދުވެރިކޮށް މިގޮތަށް ގުޅައިގެން، ކޭޝްކާޑު އަދި ކްރެޑިޓް ކާޑުގެ މައްސަލައެއް ދިމާވެފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ކާޑުގެ މައުލޫމާތު ބުނެދިނުމަށް ނުވަތަ ވީޑިއޯ ކޯލުކޮށްގެން ހުންނަ މީހާއަށް ކާޑު ދެއްކުމަށް އެދެމުންދާ ކަމުގައެވެ.
މިގޮތަށް ކާޑު ދެއްކުމުން ނުވަތަ ކާޑުގެ މައުލޫމާތު ދިނުމުން މަކަރާއި ހީލަތުން ފައިސާގެ މުއާމަލާތްތައް ހިންގަމުން ދާކަމަށާއި، ގުޅާ މީހާ ހުންނަނީ މޫނު ނިވާކޮށްގެންކަން ވެސް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
![](https://www.police.gov.mv/uploads/viber_image_2024_05_05_11_54_34_001_6187152e40.jpg)
ފުލުހުން ބުނެފައިވަނީ އޭގެ އިތުރަށްވެސް، އިމިގްރޭޝަންގެ ނަމުގައި ރާއްޖެއިން ބޭރުގެ ނަންބަރުތަކުން މިގޮތަށް ގުޅައި އައިޑީ ކާޑު ދެއްކުމަށާއި ޒާތީ މައުލޫމާތު ދިނުމަށް އެދެމުންދާކަން ވެސް ވަނީ ފާހަގަކުރެވިފައިވާކަމަށެވެ.
އެހެންކަމުން މިގޮތަށް ގުޅާ މީހުންގެ ކޯލުތަކަށް ޖަވާބު ނުދިނުމަށާއި ކާޑުގެ އެއްވެސް މައުލޫމާތަކާއި އޯޓީޕީ ކޯޑު އަދި ޒާތީ އެއްވެސް މައުލޫމާތެއް ނުދިނުމަށް ފުލުހުން އިލްތިމާސް ކޮށްފައި ވެއެވެ.
އަދި ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރަކުން ދިވެހި ފުލުހުންގެ ޚިދުމަތުން ނުގުޅާނެކަމުގައި ވެސް އެ އިދާރާއިން ހާމަކޮށްފައި ވެއެވެ.