ސަލާމަތީ ސަބަބުތަކަށްޓަކާ، ޕާކިސްތާންގެ ސަރުކާރުގެ އެދުމުގެމަތިން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ އަނބިކަނބަލުން ޖަލަށް ބަދަލުވުމަށް ޕާކިސްތާނުގެ ކޯޓަކުން ބުދަ ދުވަހު ހުއްދަ ދީފައިވާކަމަށް އޭނާގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.
ގާނޫނާ ހިލާފަށް ދައުލަތުގެ ހަދިޔާ ވިއްކުމުގެ ކުށުގައި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އިމްރާންގެ މައްޗަށް ކުށް ސާބިތުވުމާ ގުޅިގެން އިސްލާމްއާބާދުގައި ހުންނަ އިމްރާންގެ ހިލްޓޮޕް މެންޝަންގައި ބަންދުކޮށްފައިވާ ބުޝްރާ ބީބީ ވަނީ ގޭ ބަންދަށް ގޮންޖައްސަވާފައި ކަމަށް އޭނާގެ ގާނޫނީ ވަކީލް ނައީމް ޕަންޖޫތާ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ލިޔުއްވާފައިވެ އެވެ.
އޭނާގެ ވަކީލުން މެދުވެރިކޮށް ބީބީ ވަނީ ޖަލަށް ބަދަލުކޮށްދިނުމަށް އެދި އިސްލާމްއާބާދު ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހަޅައިފަ އެވެ.
އޭނާގެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ކުރީގެ ކްރިކެޓް ސުޕަސްޓާރެއް ކަމަށްވާ އިމްރާން، 70، 14 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ރާވަލްޕިންޑީގެ ގެރިސަން ސިޓީގެ އަޑިއާލާ ޖަލަށް ބަދަލު ކުރުމަށް ކޯޓުން ކަމާބެހޭ ފަރާތްތަކަށް އަމުރުކޮށްފައިވާ ކަމަށެވެ.
އެ ޕާޓީން ބުނީ ސަބް ޖަލެއްގެ ގޮތުގައި ކަނޑައެޅި އެ ގޭގައި ކަމާބެހޭ ފަރާތްތަކުން ތަޣައްޔަރުވެފައިވާ ކާބޯތަކެތި ފޯރުކޮށްދޭ ކަމުގެ ޝަކުވާ ބީބީ ކޮށްފައިވާ ކަމަށެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އެކަން ދޮގުކޮށްފައެވެ.
ކޮމެންޓު ފޮނުވާ