ވީއައިއޭގެ ދެ މުވައްޒަފަކަށް މިއަދު ހަމަލާދިން ބިދޭސީ މީހާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ގެންގޮސް އޭނާ ކޯޓުން ދޫކޮށްލާފައިވާކަމަށް ބުނެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ޚަބަރުތައް ކުރިމިނަލް ކޯޓުން ދޮގު ކޮށްފިއެވެ.
ކުރިމިނަލް ކޯޓުން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ އެއާޕޯޓްގައި މިއަދު މާރާމާރި ހިންގި ބިދޭސީ މީހާ އަށް ޝަރުތުކުރުމަށް ފަހު ‘ކްރިމިނަލް ކޯޓުން’ އޭނާ ދޫކޮށްލިކަމަށް ބުނެ، ބައެއް ނޫސްތަކުގައި ލިޔެފައިވަނީ ރަނގަޅު މަޢުލޫމާތެއް ނޫން ކަމުަގއެވެ. އަދި އެ ބިދޭސީމީހާގެ ބަންދާމެދު ގޮތެެއް ނިންމުމަށް އެ ކޯޓަށް ހާޒިރުކޮށްފައި ނުވާ ކަމަށްވެސް ކޯޓުގެ އެކްސް ޕޯސްޓުގައި ބުނެފައި ވެއެވެ.
މިއަދު ވީއައިއޭގައި މާރާމާރީ ހިންގި މީހާ ފުލުހުންގެ ހައްޔަށް ގެންގޮސްވައި ވަނިކޮށް މީޑިއާތަކުން ރިޕޯޓު ކޮށްފައިވަނީ އޭނާ ޝަރުތަކަކާއެކު ކޯޓުން ދޫކޮށްލާފައިވާކަމަށެވެ. އެހެންނަމަވެ އެމައުލޫމާތު އެއްވެސް ނޫހަކުން ރިޕޯޓު ކޮށްފައިވަނީ ރަސްމީ އެއްވެސް ފަރާތަކާ ހަވާލާދީފައެއް ނޫނެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދެ މުވައްޒަފަކަށް ހަމަލާދީފައިވަނީ އެމެރިކާ މީހެއްކަމަށް އެނގިފައިވެއެވެ.
ސޯޝަލް މީޑިއާގައި އާންމު ވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ބިދޭސީ މީހާ އެއަރޕޯޓުގެ މުވައްޒަފެއްގެ ކަންކަށިމަތީ ޖަހާ އޭނާ ވައްޓާލުމާއެކު، އިތުރު މުވައްޒަފަހުވަނީ ހަމަލާ ހުއްޓުވުމަށް މަސައްކަތް ކޮށްފައެވެ. އެއާއެކު ބިދޭސީ މީހާވަނީ އެނބުރި އައިސް އޭނާއަށްވެސް ހަމަލާ ދީފައެވެ. އެއަށްފަހު ދެން ވީޑިއޯއިން ފެންނަނީ މީހަކު އޭނާ އެތަނުން ދުރަށްލާ، އޭނާ ގޮވައިގެން ދާ މަންޒަރެވެ.
އެނގިފައުވާ ގޮތުގައި އޭނާ އެއަރޕޯޓު ޑިއުޓީގައި ތިބި ދެ މުވައްޒަފަކަށް ހަމަލާދިނީ އޭނާގެ ލަގެޖް ބަރުވެ، އެކްސްޓްރާ ޖަގެޖަށް ފައިސާ ދެއްކުމަށް އެދުމުންނެވެ.