މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް އެކްސެލެންސީ މޫސާ ޒަމީރު މިމަހުގެ 8 އިން 10 އަށް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
މިނިސްޓަރު ޒަމީރުގެ މި ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ އެސް ޖައިޝަންކަރާ ބައްދަލުކުރައްވައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް ފުޅާކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.
މިއީ ފޮރިން މިނިސްޓަރު ޒަމީރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނުގެ ސަރުކާރުގެ އިސް ބޭފުޅަކު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.
މީގެކުރިން ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ރައީސަކު އެންމެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރައްވަނީ އިންޑިއާ އަށެވެ. އެކަމަކު، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި ފުރަމާނަ ދަތުރުފުޅެއް އެންމެ ފުރަތަމަ ކުރެއްވީ ޗައިނާއަށެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ޗައިނާއާ ހާއްސަ ގުޅުމެއް ބާއްވަމުން އަންނާތީ އިންޑިއާގެ މީޑިއާތަކުން އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ.
ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމެވެ. އެ ވައުދު އެމަނިކުފާނު ގެންދަވަނީ ފުރިހަމަ ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ވަނީ ފޮނުވާލައިފައެވެ. ބާކީ ތިބީ އެންމެ ސަރަހައްދެއްގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންނެވެ. އެ ސިފައިންތައް ވެސް މި މަހުގެ 10 ގެ ކުރިން ރާއްޖެ އިން ފައިބާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.