ރަމަޟާން މަހު ގޭބީސީތަކުން ބޭނުންކުރި ކަރަންޓުން ޑިސްކައުންޓު ހިމަނާ މިރޭގެ ނިޔަލަށް ބިލްތައް ފޮނުވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓާއި ފެނުގެ ބިލްތައް އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނޭހެން ޑިސްކައުންޓު ދިނުމަށް ނިންމައި އެކަން ސްޓެލްކޯއިން ވާނީ ތަންފީޒުކޮށްފައިވާނެކަމަށެވެ.
އެގޮތުން ރަމަޟާން މަހުގެ ދުވަސްތައް ހިމެނޭހެން އެޕްރީލް މަހު ފޮނުވާފައިވާ ބިލްތަކުގައި ޑިސްކައުންޓް ހިމަނާފައިވާކަމަށާއި ރަމަޟާން މަހުގެ ބާކީ ދުވަސްތައް ހިމެނޭހެން އެންމެ ފަހުން ތައްޔާރުކޮށްފައިވާ ބިލްތަކުގައިވެސް ޑިސްކައުންޓު ހިމެނުމަށްފަހު، މި ރޭގެ ނިޔަލަށް އެ ބިލްތައް ފޮނުވުމުގެ މަސައްކަތް ސްޓެލްކޯއިން ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޑިސްކައުންޓު ހިމެނުމުގެ ކުރިން ދައްކާފައިވާ ބިލްތަކުން ޑިސްކައުންޓު ހިމެނުމުން ފަރަޤުވާ އަދަދު ޖެހިގެން އަންނަ މަހުގެ ބިލްތަކުން އުނިކޮށްދޭނެ ކަމަށެވެ.
މީގެއިތުރުން ފަހުމީ ވިދާޅުވީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގަޔާއި، ރައްޔިތުންނަށް ލުއި ފަސޭހަކަން ގެނެސްދެވޭނެ ކޮންމެ ކަމެއް ކުރުމުގައި ސްޓެލްކޯ އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.