ތިން މަސްތެރޭ ގޯތިތައް ހަވާލު ކުރަންޖެހޭ އިސްލާހު މަޖިލީހުން ފާސްކޮށްފި

ތިން މަސްތެރޭ ގޯތިތައް ހަވާލު ކުރަންޖެހޭ އިސްލާހު މަޖިލީހުން ފާސްކޮށްފި

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކަށް ތިން މަސްދުވަހުގެ ތެރޭގައި ގޯތިތައް ހަވާލު ކުރަންޖެހޭ ގޮތަށް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމެވެ. މި އިސްލާހު ރައްޔިތުންގެ ޖަލްސާއިން މިއަދު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 35 މެންބަރުންގެ ވޯޓުންނެވެ.

މި އިސްލާހުގައިވާ ގޮތުން ދިރިއުޅުމަށްޓަކާ ދޫކުރާ ބަންޑާރަ ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކުރާތާ ގިނަވެގެން 6 މަސް ދުވަހުގެ ތެރޭގައި ގޯތި ހަވާލުކުރުން ގާނޫން ލާޒިމް ކުރެއެވެ.

އިސްލާހުގައި ބުނެފައިވަނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ މީހުން ކަނޑައަޅައި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ގެޒެޓްކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި ގޯތި ލިބުނު މީހުންނަށް ކަމާ ގުޅޭ އިދާރާއިން ގޯތި ހަވާލުކުރަން ޖެހޭނެ ކަމުގައެވެ.

އަދި މި އިސްލާހުގައިވާގޮތުން، މި އިސްލާހު ތަސްދީގުކޮށް އަމަލުކުރާއިރު، ގޯތި ލިބޭ މީހުންގެ ލިސްޓެއް އެކުލަވާލާ، ގެޒެޓް ކޮށްފައިވާނަމަ، އިސްލާހަށް އަމަލުކުރަންފަށާ ތާރީޚުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި އޭގެ ހައްގުވެރިންނަށް ގޯތި ހަވާލުކުރަން ޖެހެއެވެ.

މި އިސްލާހާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލިހުގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ، މި އިސްލާހު ހުށަހަޅަން ޖެހުނީ މާލޭ ސަރަަހައްދުން އެމްޑީޕީ ސަރުކާރުގައި ހަވާލުކުރި ގޯތި ހަވާލުކުރުން ލަސްކުރަމުންދާތީ ކަމުގައެވެ. އަދި އެކަން ގާނޫނަކުން ލާޒިމް ކުރުމަށްކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ކުރީ ސަރުކާރުން ކުރިޔަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭން 1،351 ބިމާއި ގުޅިފަޅުން 2،218 ބިން އަދި ގިރާވަރު ފަޅުން 5،432 ބިން ދީފައިވެއެވެ. އެއީ ޖުމްލަ 9001 ގޯއްޗެވެ.

މި ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ދީފައި ވަނީ ގުރުއަތުލައިގެން ލިބުނު ތަނަކުންނެވެ. ބައެއް މީހުންނަށް ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާއިރު އެހެން ބައެއް މީހުންނަށް ބިން ވަނީ ދޫކޮށްފައެވެ. ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު މިހާރު ވަނީ ރަޖިސްޓްރީ ހަވާލުކުރަން ފަށައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *