އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި 493 މިލިއަން ރުފިޔާ

އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި 493 މިލިއަން ރުފިޔާ

Author
ހުސެއިން
29 އޭޕްރިލް 2024 08:14
0

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި 493 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ބޭންކުން ބުނެފިއެވެ.

ބޭންކުން ބުނެފައިވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ހިންގުމުގެ ފައިދާގެ ގޮތުގައި 708 މިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރ އާ އަޅާބަލާއިރު %5.7 އިތުރު އަދަދެކެވެ.

މި ކުއާޓަރގައި ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާ އަކުންވެސް ކުރިއެރުން ލިބިފައިވާއިރު، ދޫކޮށްފައިވާ ލޯނުތަކުގެ ފެންވަރު ރަނގަޅުވެ، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް މި ކުއާޓަރގައި 967 މިލިއަން ރުފިޔާގެ އައު ލޯނު ދޫކޮށްފައިވާކަމަށް ބޭންކުން ބުނެފައި ވެއެވެ. އަދި ބޭންކުގެ ރައުސްމާލާއި ލިކިއުޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައިވާއިރު، މި ކުއާޓަރ ނިމުނުއިރު ޖުމްލަ އެސެޓް ވަނީ 46.3 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތާއި މުޖުތަމައަށް އިންވެސްޓް ކުރުމަށް ބޭންކުން ހިންގާ ޕްރޮގްރާމްތައްވެސް މި ކުއާޓަރގައި ހިންގާފައި ވެއެވެ. އަދި މި މަސައްކަތުގެ ދަށުން ހުޅުމާލެ ފޭސް 2، ކ. ގުޅި އަދި ވ. ކެޔޮދޫގައި ބީއެމްއެލްއިން ވަނީ ސެލްފް ސަރވިސް ބޭންކިންގ ހިދުމަތް ފަށާފައެވެ. މި އަހަރުގެ ޖަނަވަރީ މަހު ބޭންކުން ވަނީ ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް އަނެއްކާވެސް ދަށްކޮށް %2.5 އަށް ކުޑަކޮށްފައެވެ.

މި ނަތީޖާއާ ގުޅޭ ގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ މިއަހަރުގެ ފެށިފައި ވަނީ ވަރަށް ހަރުދަނާ ގޮތެއްގައި ކަމަށާއި، އިގްތިސާދީ މާހައުލު ދަށަށް ދިޔަ ނަމަވެސް ބޭންކުގެ ވިޔަފާރީގައި ހަލުވި ދުވެލި ދަމަހައްޓައި، ސާފު ފައިދާގެ ގޮތުގައި 493 މިލިއަން ރުފިޔާ ލިބިފައި ވާކަމުގައެވެ.

އަޅުގަނޑުމެންގެ ސްޓްރެޓެޖީއާ ހާސިލްކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ޕާރސަނަލް ލޯނާއި ފައިނޭންސިންގ އަށް ވަގުތުން އެޕްރޫވަލް ލިބޭނެގޮތް ލޯންޗްކުރެވި، ބޭންކިންގ ވިއުގަ ފުޅާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވުނު. މި ފަދަ މަސައްކަތްތަކުގެ ނަތީޖާއިން ސްޓްރެޓެޖީ ހާސިލްކުރުމުގައި ރަނގަޅު ކުރިއެރުމެއް ހޯދަމުންދާކަން އަޅުގަނޑު އުފަލާއެކު ފާހަގަ ކުރަން.

ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވެފައި ވެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 38 ބްރާންޗާއި ސަރވިސް ސެންޓަރ، 86 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 142 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި އެ ބޭންކުން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.